ދިވެހިންނާއި ބިދޭސީންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނަން: ރައީސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގެ ރައްޔިތުންނާއި ތަފާތު އެކި ބޭނުންތަކަށް ރާއްޖެ އައިސް އުޅޭ ބިދޭސީންގެ ރައްކާތެރިކަން ދިވެހި ސަރުކާރުން ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިފަދައިން ވިދާޅުވިއިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލެ ރެޑްބުލް ފުޓްސަލް ދަނޑު ކައިރިން ތިން ބިދޭސީންނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. މިކަމާއި ގުޅިގެން ބަޔަކު މީހުން ވަނީ ވީޑީއޯ މެސެޖެއް ވެސް ނެރެފައެވެ. އެ މެސެޖުން ފެންނަނީ މޫނު ނިވާ ކޮށްގެން ތިބޭ ބައެކެވެ. އެމީހުން ވަނީ އެ ހަމަލާގެ ޒިންމާ ނަގާފައެވެ.

އެކަމާއި ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ކުރިޔަށް ގޮސްފައެވެ. އެ ބައްދަލުވުމަށްފަހު ދިވެހި ސަރުކާރުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެ ނޫސްބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި އަމަލެއް ކަމަށެވެ. ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތަކް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދުގައި މިފަދަ ފިނޑި އަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ އަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ހުޅުމާލޭގައި ހިންގި އަމަލުގެ ފުރިހަމަ ތަހުގީގެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ ކުރަމުންނެވެ. މި އަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައި ދަންނަވަމެވެ. އަދި، އެ ހާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ހާލު ރަނގަޅުކަމަށް މި ފުރުސަތުގައި ދަންނަވަމެވެ. މިއާއިއެކު، މި ފަދަ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން އަމަލުތަކަކީ ގައުމީ ސަލާމަތަށްހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަންވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ރައީސް ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ އަމަލުތަކާއިމެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަމަކާއިބެހޭ މައުލޫމާތު ކަމާއިބޭހޭ އިދާރާތަކާއި ހިއްސާކުރެއްވުމަށް އާންމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި، މިފަދަ ނުރައްކާތެރި އަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް އަމަލަކަށް ދިވެހިރާއްޖެއިން ފުރުސަތު ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވެއެވެ. މީގެ އިތުރުން، މިފަދަ ހާދިސާތަކާއި ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް މެނުވީ ބަރޯސާނުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ބުނީ މި ހަމަލާގެ ފަހަތުގައިވާ ކަންކަމާއި ޝާމިލުވާ ފަރާތްތައް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ފުލުހުން ކުރިއަށްގެންދާ ތަހުގީގުގެ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ. އަދި، އެކަމާއި ގުޅިގެން އާންމުންނާއި ހިއްސާ ކުރަން ޖެހޭ މައުލޫމާތު ވަގުތުން ވަގުތަށް އާންމުންނާއި ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

އަލް މުސްތަގީމް ނަމުގައި އާންމުކޮށްފައިވާ އެ ވީޑިއޯ އިން ތިން މީހަކު ފެނެއެވެ. އަޑު ބަދަލުކޮށްފައިވާ އެ ވީޑިއޯ އިން ވާހަކަ ދައްކަނީ އެންމެ މީހެކެވެ. އެ ވީޑިއޯގައި އޭނާ ވަނީ ސަރުކާރާއި ދީނީ އިލްމުވެރިންނަށް އިންޒާރު ދީފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *