މަލީހުގެ ހޫނު ހަމަލާތަކެއް މެންބަރު ނިހާދަށް!

ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ވަޒީރުންނަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޖޭޕީ ސްލޮޓެއްގައި ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލު ރައްދު ދެއްވައިފިއެވެ.

ނިހާދު ވަނީ ޖުމްހޫރީ ޕާޓީގެ ތިން ވަޒީރެއްގެ ނަން ވިދާޅުވެ އެ ބޭފުޅުން ދިފާއު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓަރު މަލީހާއި، މިނިސްޓަރު އަމީން އަދި މިނިސްޓަރު އައިޝަތު ނަހުލާގެ މޫނަށް ބަލަހައްޓައިގެން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ. ނިހާދު ވަނީ މި ސަރުކާރު ހިންގުމަށް ޖުމްހޫރީ ޕާޓީގެ އެހީތެރިކަން ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

މެންބަރު ނިހާދުގެ އެވާހަކައަށް ރައްދު ދެއްވާ މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ޕާޓީއަކަށް ވެރިކަން ހިންގަން ރައްޔިތުން ހަވާލުނުުކުރާ ކަމަށެވެ. އަދި އެގޮތަށް ރައްޔިތުންގެ ތާއީދުވެސް ނެތް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާލުގައި ޖެހި، ބުންވަރު ހުސްވެ ހަދާނެ ގޮތް ހުސްވި ދުވަހު އެހީތެރިވެދިން މީހުންނަށް ތެޔޮހަން ދޭނަމަ މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިދާނެ ކަމަށެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެކުގައެވެ. އަދި ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެކުލަވާލެއްވި ކެބިނެޓުގައިވެސް ޕާޓީތަކަށް ހަމަހަމަ ފުރުސަތުތަކެއް ދެއްވާ އެކި ޕާޓީތަކަށް ކެބިނެޓުގެ މަގާމުތައް ރައީސް ސޯލިހު ދެއްވިއެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިިލިސް އިންތިހާބަށް އައިއިރު ސަރުކާރު ކޯލިޝަންގެ ތެރޭގައި ކުނި ޖެހި ކޯލިޝަންގެ ބައެއް ލީޑަރުން އެއް ލީޑަރު އަނެއް ލީޑަރަށް ބަހުގެ ހަމަލާތައް އަންނަނީ ރައްދު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.