ދައުލަތުގެ ބާރުގެ ތެރެއަށް ޖުޑީޝަރީ ވަނުމަކީ ގާނޫނުއަސާސީގެ ތަސައްވަރެއް ނޫން ކަމަށް، ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރަނގަޅު ކަމަށް ބުނެ ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފިއެވެ.
މި މައްސަލަ ބައްލަވާފައި ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އިސް ފަނޑިޔާރަކީ މުހައްމަދު ނިޔާޒެވެ. ދެން ތިއްބެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.
ހުކުމް އިއްވަމުން ނިޔާޒު ވިދާޅުވީ އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ކޮށްފައިވާ ކަމަކަށްވާއިރު އެކަން މާ ރަނގަޅު ގޮތަކަށް ކުރެވެން އޮތް ކަމަށް ބުނެ އެކަން ބަދަލު ކުރުމަކީ ގާނޫނުއަަސާސީ ތަސައްވަރު ކުރާ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ ދައުރެއް ނޫން ކަމަށެވެ.
“ދިވެހިރާއްޖޭގެ ސިޔާދަތީ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ކަމަށްވާތީ ގާނޫނުއަސާސީ ފަހަނަ އަޅައި ގޮސް އެއްބާރު އަނެއް ބާރުގެ އިމުގެ ތެރެއަށް ވަދެ ކަންކަން ނިންމުމަކީ ގާނޫނުއަސާސީ ތަސައްވަރު ކުރާ އަދި ހުއްދަ ކުރާ ކަމެއް ނޫނެވެ،” ހުކުމްގައިވެއެވެ.
އެ ހުކުމް އިއްވަމުން ފަނޑިޔާރު ނިޔާޒު ވިދާޅުވީ ގާނޫނުއަސާސީ ނުވަތަ ގާނޫނަކުން ނުވާ ބާރެއްގެ ބޭނުން ކޮށްފި ކަމަށް ބުނެ ހުށަހެޅޭ ޝަކުވާތައް ޖުޑީޝަލް ރިވިއުގެ ތެރެއިން ބެލުމަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް އެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ނަމުގައި ދައުލަތުގެ އަނެއް ދެ ބާރުގެ އިމުގެ ތެރެއަށް އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުން ވަނުމަކީ ގާނޫނުއަސާސީގެ ތަސައްވަރެއް ނޫން ކަމަށް ވިދާޅުވިއެވެ.
އަންހެނުންނަށް ގޮނޑި ހާއްސަ ކުރި އިސްލާހު ބާތިލު ކުރުމަށް ގާނޫނީ ވަކީލު މޫސާ އަންވަރު ހުށަހެޅުއްވި މައްސަލާގައި ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައި ވަނީ ގާނޫނަށް ގެނައި ބަދަލަކީ ޤާނޫނުއަސާސީގެ މާނައިގެ ތެރޭގައި ހިމެނޭ ސައްހަބައިތަކެއް ކަމަށެވެ.