ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ދިވެހި ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރާ އިތުބާރު ކުޑަވެގެން ހިނގައިދާނެތީ ކަމަށާއި މި ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާދިޔަ އެއްވެސް ކަމަކަށް އިހުމާލުވެފައި ނޯންނާނެ ކަމަށް ޖެންޑާ މިނިސްޓަރު ކަމުން މިއަދު އިސްތިއުފާ ދެއްވި އަދާލަތު ޕާޓީގެ ހާރިޖީ ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޝިދާތާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެކަމަނާ ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ އެއީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވާތީ ކަމަށެވެ. އަދި ޖެންޑާ މިނިސްޓަރުކަން ހަވާލު ކުރެއްވި ހިސާބުން މަސައްކަތް ފެށީ ވީދިފައިވާ އިޖުތިމާއީ ފޭރާ ރަނގަޅު ކުރުމާއި އަންހެނުންނާއި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކަމަށް ޝިދާތާ ވިދާޅުވިއެވެ.
“މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިވެހި އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާއި އެކު އެފަދަ ކަންކަމަށް މީގެކުރިން އަޅާލެވިފައި ނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެވި ހައްލުތައް ހޯދުމަށް މަސައްކަތް ފެށިފައިވުން،” ޝިދާތާ ވިދާޅުވިއެވެ.
ޢަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރުގެ ފަރާތުން ނެރޭ ނޫސްބަޔާން! pic.twitter.com/4dcqzqd7aB
— Adhaalath Party (@AdhaalathOffice) February 6, 2020
ޝިދާތާ ވިދާޅުވީ މީގެކުރިން ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ރާއްޖޭގެ އިޖުތިމާއީ މައްސަަލަތަކުގެ ވާހަކަތައް ދައްކާނެ ފުރުސަތު ލިބިގެން ގޮސްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ދިވެހިންނަށް އެ ފުރުސަތު ލިބި ކުރިންވެސް ހިނގަމުން އައި އެކަމަކު އޭރު ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަންކަން އިންތިހާއަށް އިތުރުވެގެން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ އެކަންކަމުގެ ސަބަބުން ސަރުކާރަށް ދިވެހި ރައްޔިތުން ކުރަމުންދިޔަ އިތުބާރު ކުޑަވާން އެކަމަނާ ބޭނުންފުޅު ނުވާ ކަމަށެވެ.
“އަޅުގަނޑު މި ނިންމުން މި ނިންމީ މިދުވަސްވަރު ފެންމަތިވެފައިވާ އަދި ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އަޅުގަނޑާ އަދި އަޅުގަނޑާއި އެކު މަސައްކަތް ކުރެއްވި ޓީމުގެ އިހުމާލެއް ނުވާ ކަމާއި އެފަދަ އިހުމާލެއް ނެތްކަން އެކިއެކި ތަހުގީގުތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިޔަށް އޮތްތަނުގައިވެސް ހާމަވެގެން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމާއިވެސް އެކުގައެވެ،” ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ވެސް އެކަމަނާ ސިޔާސީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.
ޝިދާތާ އިސްތިއުފާ ދެއްވާފައި މިވަނީ ދަރުމައަށް މަސައްކަތް ކުރާ އަހުމަދު ހިޝާންގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާ އެކަން އެނގިހުރެވެސް އޭނާއަށް ގައުމީ އިނާމު ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވާލާ އިސްތިއުފާ ނުދެއްވައިފި ނަމަ މަޖިލިސް ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެފައި ވަނިކޮށެވެ.