ފުށިފަރު ރިސޯޓުން ޖެޓް ސްކީއެއްގައި ފުރި ދެ ދިވެހިން ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ އެ ދެ މީހުން ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓު ލިބިފައި ވަނީ މިރޭގެ 19:04 ހާއިރު ކަމަށެވެ. އަދި އެ ދެ މީހުން ހޯދުމުގެ މަސައްކަތް ނޮދަން އޭރިއޭ ކޯސްޓު ގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ޖެޓް ސްކީގައި ދަތުރު ކޮށްފައި ވަނީ އަންހެނަކާއި ފިރިހެނެއް ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދާ ދެ ދިވެހިންނަކީ ފުށިފަރު ރިސޯޓުގެ ދެ މުވައްޒަފުންނެވެ. އެމްއެންޑީއެފް އިން ބުނީ މި ދެ މީހުން ޖެޓް ސްކީގައި ދުއްވާލަން ދިޔައީ މަޖަލަށް ކަމަށެވެ. އަދި އެ މީހުން ތިބީ ލައިފް ޖެކެޓު ވެސް އަޅައިގެން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުން ދަނީ 24 އަހަރާއި 29 އަހަރުގެ މީހެއް ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޓްރެކިން ސިސްޓަމް ބޭނުންކުރިނަމަ ނުފެނިގެން އުޅޭކަށް ނުޖެހޭނެއްނު!