ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް މި ދުވަސްކޮޅަކީ އެންމެ އުފާވެރި ދުވަސްކޮޅަކަށް ނުވެދާނެއެވެ. ސަބަބަކީ އެކަމަނާ ވެސް ހިމެނޭހެން އެކަމަނާއާ ގާތް ބަޔަކު އާލާސްކަންފުޅާ އުޅުއްވާތީއެވެ.
މިނިސްޓަރު މާރިޔާ އުޅުއްވަނީ އެކަމަނާގެ އަތްޕުޅުގައި ޕްލާސްޓަރު އަޅުއްވައިގެންނެވެ. އެކަމަނާ އަތްޕުޅުގައި ޕްލާސްޓަރު އެޅުއްވި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުގެ ކަށިގަނޑަށް ލިބުމުން އައިޖީއެމްއެޗް އިން ފަރުވާ ހޯއްދެވި ކަމަށެވެ. ނަމަވެސް އަތްޕުޅަށްވީ ގޮތެއް އެކަަނާ ސާފުކޮށް ނުދެއްވައެވެ.
މިނިސްޓަރު މާރިޔާ އެކަމަނާ އަށް މި ދުވަސްކޮޅަކީ އެހާ އުފާވެރި ދުވަސްތަކެއް ނޫންކަން ދޭހަވާ ފަދަ މޭރުމަކުން އެކަމަނާގެ ފޭސްބުކްގައި ޕޯސްޓެއް މިއަދު ކުރައްވާފައެވެ. ވިދާޅުވީ އެކަމަނާގެ އަތްޕުޅަށް ގެއްލުންވި ވާހަކައެވެ. އަދި ދެވަނަ އަށް ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ކޮވިޑަށް ޕޮޒިޓިވްވި ވާހަކައެވެ. އެއަށްފަހު ވިދާޅުވީ އެކަމަނާގެ މަންމާފުޅު އާލާސްކަމާއި އުޅުއްވާ ވާހަކައެވެ.
މި ހުރިހާ ހިތާމަތަކުގެ މައްޗަށް އިތުރު ހިތާމައެއް އެކަމަނާ އަށް ލިބިވަޑައިގެންނެވި ކަމަށް ފޭސްބުކް ޕޯސްޓުން ދޭހަވަނީ އެކަމަނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޝަރަފިއްޔާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެމުންދާ ދިއުމެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ޗީފް އޮފް ޑިފެންސް ކޮވިޑް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެކަމަނާގެ މަންމާފުޅުގެ ބައްޔަކީ ކޮވިޑް ނޫން ކަމަށާއި ނަމަވެސް އުޅުއްވަނީ ކުޑަކޮށް ބަލިކޮށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު މަންމާފުޅުގެ ހާލުކޮޅުވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ޕޯސްޓު ނިންމާލައްވަމުން އެކަމަނާ ވިދާޅުވީ ކަން އެހެންވި ނަމަވެސް އަންހެނުން ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ހެޔޮ ދުއާ ކޮށްދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވިއިރު ރޭ ސޯޝަލް މީޑިއާގައި ދައުރުވި މިނިސްޓަރު މާރިޔާގެ ފޮޓޯއަށް ގިނަބަޔަކު އަންނަނީ ތައުރީފު ކުރައްވަމުންނެވެ. އެ ފޮޓޯގައި އެކަމަނާ ފެނިވަޑައިގަންނަވަނީ އަތްޕުޅުގައި ޕްލާސްޓަރު އަޅާފައި އޮތް އިރުވެސް ކުރަން ޖެހިވަޑައިގެންފައިވާ މަސައްކަތްޕުޅުތައް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރެވެ. އެކަމަނާ ގެންދެވީ ސިފައިންނަށް ދޭން ނިންމާފައިވާ ޕްރޮމޯޝަން ސިޓީތަކުގައި ސޮއި ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
Shafaakallah