ހުޅުމާލޭގައި ދިން ހަމަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކުރިކަން ހާމަކުރުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެތެރެއިން ޗައިނާގެ އެކަކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ތިން ބިދޭސީންނަށް ދީފައިވާ ހަމަލާ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ. ހަރުކަށި ފިކުރަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކާ ދީފައިވާ މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި އަދި އެ ފަރާތްތަކުގެ ހާލަތު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހަމަލާއާ ގުޅުންހުރި ކަމަށްބުނެ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

"މިމައްސަލައާއި ގުޅިގެން، ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މި ސާވިސްއިން މި ގެންދަނީ މަސައްކަތް ކުރަމުން. އަދި ދިވެހިންނާއި ދިވެހިރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ސާވިސްއިން ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ހަމަލާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާއިރު، އެ ތިން މީހުންނަށް ހަމަލަދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.