މީހުންގެ މުދާ ކައި އުޅޭ މީހުންނަށް ޖެހޭނީ ސުންޕާ ކަންތައް: ހުތުބާ

އިސްލާމީ މަރުކަޒުގައި މީގެކުރިން ބޭއްވި ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

ދުނިޔެ މަތީގައި މީހުންގެ މުދާ ކައި އުޅޭ މީހުންނަށް ޖެހޭނީ ސުންޕާ ކަންތައް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައި ވަނީ “ހަލާލު ގޮތުގައި މުދާ ހޯދުން” އެ މައުލޫއަށެވެ. ހުކުރު ހުތުބާގައި ބުނެފައި ވަނީ ފައިސާ އާއި ދުނިޔޭގެ އެދުންތަކާއި ދަޅަތަކަކީ ދާދި އަވަހަށް ނެތި ފަނާވެދާނެ ތަކެތި ކަމަށެވެ. ބާތިލް ގޮތުގައި މީސްތަކުންގެ މުދާ ކައި އުޅޭ މީހުންނަށް ދުނިޔެމަތީގައި ވެސް ސުންޕާ ކަންކަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

އެގޮތުން އެމީހެއްގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންގެ ބަދު ދުއާ އިން އެމީހަކު ސަލާމަތް ނުވުން ހިމެނެއެވެ. ބާތިލް ގޮތުގައި އެހެން މީހުންގެ މުދާ ކައި އުޅޭ މީހުންނާއި މާތް ރަސްކަނލާގެ އާއި ދެމެދު އޮންނަ ގުޅުން ކެނޑިގެން ދާނެ ކަމަށާއި ކިތަންމެ ބޮޑު ކަމެއް ވެގެން އެކަނލާގެ ހަޟްރަތުގައި ދެންނެވިއަސް ހަރާމް ތަކެތި ކައިގެން މަސް ޖަހާފައި އުފެދިފައިވާ ހަށިގަނޑެއް ހުރިހާ ހިނދަކު އޭނާގެ ދުއާ އިޖާބަ ނުކުރައްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނެފައި ވަނީ ވައްކަމާއި ފޭރުމާއި ހީލަތުން މީސްމީހުންނާއި ދައުލަތުގެ މުދަލަށް އަރައިގަތުމަކީ މުޖްތަމައުގައި އަށަގެނެފައިވާ ބޮޑު އިޖުތިމާއި ބައްޔަކަށް ވެފައިވާ ކަމަށެވެ. އަދި އެ ބަލީގެ ސަބަބުން ގެއްލިގެން ހަމައެކަނި ދަނީ ވަކިވަކި ފަރުދުންގެ ހައްގުތައް ނޫން ކަމަށްވެސް ހުތުބާގައި ބުންޏެވެ. އެބޮޑު ޖަރީމާގެ ސަބަބުން ވިޔަފާރިތަކާއި ކުންފުނިތަކާއި ދައުލަތުގެ އޮފީސްތަކާއި މުއައްސަސާތަކަށް ވެސް ގެއްލުމުގެ އެކި މިންވަރުތައް ލިބެމުންދާ ކަމަށް ބުންޏެވެ.

“ލޮބުވެތި މުސްލިމް އަހުންނޭވެ! ވައްކަމާއި ނަހަމަ ގޮތްގޮތުން ފައިސާ އާއި މުދާ ހޯދާ މީހާއަށް، އެ ހޯދާ ތަކެތިން ވަގުތީ އުފަލެއް ލިބުނުކަމުގައި ވިޔަސް، އެ ތަކެތި ވެގެންދާނީ އޭނާ އާއި އަނބިދަރިންގެ ހަލާކަށެވެ. އެހެނީ އެފަދަ މުދަލުގައި މާތް ރަސްކަނލާގެ ބަރަކާތެއް ނުލައްވާނެއެވެ،” ހުތުބާގައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބޭންކު އޮފް މޯލްޑިވްސް އިން މީހުންގެ އެކައުންޓު ތަކުން ވަގަށް ކަމުން ގެންދާ ފައިސާ އަމިއްލަ އަށާއި ތިމާގެ ދަރިންނަށް ކާންދޭ މީހުންނަށް ﷲ ތަބާރަކަ ވަތަޢާލާގެ ޢުޤޫބާތް އައުމުގެ ކުރިން އެކަން ހުއްޓާލާ ތައުބާވޭ.އެފަދަ ޢަމަލު ހިންގާ މީހުންނަށް ހެޔޮ ގޮތް މިންވަރު ނުކުރައްވާނދޭވެ.آمین

ހިޔާލު ދެއްވާ!

Your email address will not be published.