ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް ކުރާ ޝަރީއަތް ތިން ގަޑިއިރަށް ދިގުލައި، އެންމެ ފަހުން މެދުކަނޑާލައިފިއެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރު ޙުސައިން މަޒީދު ވިދާޅުވީ ދެން އަޑުއެހުން ފަށާނީ 6:30ގައި ކަމަށެވެ.
ހައި ކޯޓުގެ އަޑުއެހުމުން މިއަދު ފެށީ މެންފުރުފަހު 2:20 އެހާކަންހާއިރުއެވެ. ވޭތުވެދިޔަ ތިން ގަޑިއިރުގެ ތެރޭގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ގެންދަވަނީ ވަކިވަކިން އެ ބޭފުޅުންގެ ރައުޔު އިއްވަމުންނެވެ.
މިހާތަނަށް ރައުޔު އިއްވައި ނިންމެވީ މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ. މެދުކަނޑުއްވާލެއްވިއިރު ރައުޔު އިއްވަމުން ގެންދެވީ ފަނޑިޔާރު ޙުސައިން ޝަހީދުއެވެ.
މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ކަނޑައަޅާފައި ވަނީ ޤާނުނުއަސާސީގައި ބަޔާންކުރާ ގޮތަށް އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ޖަލަށްލި ހުކުމް ރަނގަޅު ކަމަށް މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތު ވަނީ ލިބިފައެވެ.