ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންގެ މެދުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށްފަހު، ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ ގަވާނިންގ ބޯޑްގެ މެމްބަރުންގެ މެދުގައިވެސް މިންތީގެ ހަމަހަމަކަން ގާއިމްކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ފޮސިމްގެ ގަވާނިންގ ބޯޑްގެ 4 ވަނަ ބައްދަލުވުމަކީ އެ އިންސްޓިޓިއުޓް އުފެދުނު ފަހުން އަންހެން އަދި ފިރިހެން ދެ ޖިންސް އަދަދު ހަމަހަމަކޮށް ބޯޑުގެ މެމްބަރުން ތިބި ފުރަތަމަ ބައްދަލުވުމެވެ.
އެކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އަމާޒަކީ ފޮސިމް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. އެކަމަކީ ނަތީޖާ ނެރޭ ފޮރިން ސާވިސްއެއް އުފެއްދުމަށް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ފޮރިން މިނިސްޓަރު ޝާހިދު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތުދެއެވެ.