ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް 42 ނަރުހުން ހޯދަނީ

ގަމު ރީޖަނަލް ހޮސްޕިޓަލް: ---

ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ނަރުހުން ހޯދަން އިއުލާން ކޮށްފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލަށް ކްލިނިކަލް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުންނާއި ރެޖިސްޓާޑް ނަރުހުން ބޭނުންވާ ކަމަށެވެ. އެގޮތުން ޖުމްލަ 42 ނަރުހުން ބޭނުންވާ ކަމަށް އެ ހޮސްޕިޓަލުގެ އިއުލާނުގައި ބުނެފައިވެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް އިން ބުނީ ނަރުހުން މަސައްކަތް ކުރަން ޖެހޭނީ އެ ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިންގާ ސިއްހީ މަރުކަޒުތަކުގައި ކަމަށެވެ. އިއުލާނުގައި ބުނެފައި ރަޖިސްޓާޑް ނަރުހުންނަށް 9،060 ރުފިޔާއިން ފެށިގެން 9،360 ރުފިޔާއާ ދެމެދުގެ އަދަދެއްގެ މުސާރަ ލިބިގެން ދާނެ ކަމަށެވެ.

ސީނިއާ ރަޖިސްޓާޑް ނަރުހުންނަށް 9،670 ރުފިޔާ އިން ފެށިގެން 10,160 ރުފިޔާއާ ދެމެދުގެ އަދަދެއްގެ މުސާރަ ލިބޭއިރު ކްލިނިކަލް ނަރުހުންނަށް 10,410 ރުފިޔާއިން ފެށިގެން 10,940 ރުފިޔާއާ ދެމެދުގެ އަދަދެއްގެ މުސާރަ ލިބޭނެ ކަމަށް ގަމު ހޮސްޕިޓަލުގެ އިއުލާނުގައި ބުނެފައިވެއެވެ.

މުސާރައިގެ އިތުރުން ސާވިސް އެލަވަންސް ވެސް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ. އެގޮތުން ހޮސްޕިޓަލް ލެވެލް 3 އަދި 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 188 ރުފިޔާ، 16 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 150 ރުފިޔާ ލިބޭނެއެވެ. އަދި 8 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 120 ރުފިޔާ ލިބިގެން ދާނެއެވެ.

މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިމަހުގެ 21ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށެވެ. މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ މިމަހު 24ން އަންނަ މަހުގެ 10 އާއި ދެމެދު ގަމު ރީޖަނަލް ހޮސްޕިޓަލްގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.