ފުލުހުން މޮނީޓާ ކުރާ ގޮތަށް ހަނގުރާމައިން އެނބުރި އައި މީހާ ދޫކޮށްލައިފި

ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާޖެއައި މީހާ: ފޮޓޯ / ސަން

ސީރިޔާގެ ހަނގުރާމައިގައި އުޅުމަށްފަހު އެނބުރި އައި ދިވެހި މީހާ، މޮނީޓާ ކުރާ ގޮތަށް ދޫކޮށްލައިފިއެވެ.

އޭނާ ރާއްޖެ އައުމުން ވަނީ  ކ. ހިންމަފުށީގައި ހުންނަ ހާއްސަ މަރުކަޒަކަށް ގެންގޮސްފައެވެ. އުމުރުން 34 އަހަރުގެ އެ މީހާ ހާއްސަ މަރުކަޒަށް ބަދަލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މިއީ އެ ސެންޓަރުގައި މީހަކު ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ފުލުހުން މިއަދު ބުނީ އެމީހާ މިހާރު އެ މަރުކަޒުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މޮނިކޮން އަމުރުގެ ދަށުން އެމީހާގެ ހަރަކާތްތައް ފުލުހުން މޮނީޓާ ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން ގާއިމުކުރާ މަރުކަޒުގައި، އެ ގާނޫނުގައި ބަޔާންކުރާ ރިސްކް އެސެސްމެންޓް ހެދުމަށްޓަކައި 30 ދުވަހުގެ މުއްދަތަށް އެފަދަ މީހުން މަރުކަޒަށް ގެންދަން ޖެހެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ގާއިމުކުރަންޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ގާއިމުކޮށް، އެންޓި ޓޯޗަ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ވަނީ ކަނޑައަޅާފައެވެ.

އެމީހާއަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.