ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް ކަމަށްބުނެ އިދިކޮޅުން ކޯޓަށް

އިދިކޮޅު ކޯލިޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

ލޯކަލް ކައުންސިލް އިންތިހާބަށް އެހެން ޕާޓީތަކުން ކެމްޕެއިން ކުރާއިރު އެ ފުރުސަތު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އަށް ނުލިބޭތީ ހައިކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

އިދިކޮޅުން ބުނީ މިއަދުގެ ވަގުތެއްގައި ހައިކޯޓަށް އެ ކޯލިޝަން އިން މައްސަލަ ވައްދާނެ ކަމަށެވެ. މީގެކުރިން ވެސް އިދިކޮޅުން ވަނީ މިފަދަ އިޝާރާތެއް ދީފައެވެ. އެގޮތުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކައުންސިލް އިންތިހާބަށް އިދިކޮޅުން އޮތީ ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ރަށްތަކަށް ދަތުރު ނުކުރެވުމަކީ އެ ކޯލިޝަނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދަތި ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މެންބަރުންނަށް ދަތުރުތައް ނުކުރެވުނު ނަމަވެސް ފެންނަމުން ދަނީ ސަރުކާރު އިސް ފަރާތްތަކާއި މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ އިސްވެރިން ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާ މަންޒަރުތައް ކަމަށާއި އެކަމުން ދޭހަވެގެން ދަނީ ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތްކަން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިއްޔެ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާއީލް ހަބީބު ވަނީ މިހާރުވެސް ބައެއް ފަރާތްތަކުން ކެމްޕެއިން ކުރަމުން ގެންދާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅުމުން އާއްމު ހިދުމަތް ދެމުން ގެންދާ ފަރާތްތަކާއި ސަރުކާރުގެ ކުންފުނިތަކަށް ދަތުރު ކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެގޮތަށް ސަރުކާރުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިން ދަތުރު ކުރި ނަމަވެސް އާއްމު ކެންޑިޑޭޓާއި އިދިކޮޅު ކެންޑިޑޭޓުންނަށް ދަތުރު ނުކުރެވޭ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.