ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓްރީވާން ހުޅުވާލައިފި

ކޮވިޑް-19 ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހެއް - ފޮޓޯ: އެޗްޕީއޭ

ކޮވިޑް19އަށް ވެކްސިން ޖެހުމަށްޓަކާ ރަޖިސްޓްރީވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނެފައި ވަނީ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރާނީ my.health.mvއިން ކަމަށެވެ. އެޗްޕީއޭ އިން ބުނީ ވެކްސިން އެންމެ ފުރަތަމަ ދޭނެ ފަރާތްތައް ކަނޑައަޅާ އެ މައުލޫމާތުތައް އެއްކުރަމުން އަންނަ ކަމަށެވެ.

މިރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ޖަހާ ފަރާތްތަކުގެ ތެރޭގައި ހިމެނޭނީ ފްރަންޓުލައިން ނުވަތަ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށެވެ. އެފަރާތްތައް ރަޖިސްޓްރީވުމަށް މާދަމާ ހުޅުވާލާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ކޮވިޑް ވެކްސިން ހިލޭ ދިނުމަށް ނިންމާފައެވެ. ރާއްޖެއިން ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ރާއްޖެ އަށް ގެންނަނީ ކޮން ކުންފުންޏަކުން ނުވަތަ ކޮން ގައުމަކުން އުފެއްދި ވެކްސިނެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.