ހައި-ސްޕީޑް ފެރީ މަޝްރޫއު ކުރިއަށް ގެންދަން އެމްޓީސީސީއާ ހަވާލުކޮށްފި

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕްލޭނިން

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު މިއަދު ސޮއިކޮށްފިއެވެ.

މިއީ ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކް” މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އަށް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށް ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ މަޝްރޫއުއެކެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ މި ހިދުމަތް ފަށާނީ އުތުރުގެ ރަށްތަކަށެވެ. އެ ހިދުމަތް މިއަހަރު ފަށާއިރު، ހިދުމަތް ފަށާނީ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށެއްގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ ހިދުމަތް އެ ކުންފުނިން ދޭނީ ރައްޔިތުންގެ ފަރާތުން ޝަކުވާތައް ނާންނަ ވަރަށް، ފުރިހަމަ ކަމާއެކުގައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހަފްތާގެ ހުރިހާ ދުވަހެއްގައި ވެސް ހިދުމަތް ދެމުން ގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރުން އެކަން ކުރަން ބޭނުންވާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަން [ހަފްތާއަކު ކޮންމެ ދުވަހަކު] ކުރުމަކީ ބުރަ މަސައްކަތަކަށް ވާނެ ކަމަށާއި އެކަމަކުވެސް އިހުލާސްތެރިކަމާއެކު އެމްޓީސީސީ އިން އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ފެރީ ނެޓްވޯކުގައި ބޭނުންކުރާނީ 47 ފޫޓުގެ ލޯންޗުތަކެކެވެ. އެ ލޯންޗުތަކުގައި 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެއެވެ. އާއްމު ގޮތެއްގައި 14 ލޯންޗެއް އެކަމަށް ބޭނުން ކުރާއިރު އެއްވެސް ލޯންޗަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އަބަދުވެސް ބެކަޕްގައި ތިން ލޯންޗު އޮންނާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.