ތިމަރަފުށި ކުއްޖާ މާމަ އަތުން ދައުލަތަށް ނަގަން އަމުރުކޮށްފި

ތ. ތިމަރަފުއްޓަށް ނިސްބަތްވާ ކުއްޖަކު މާމަ އަތަށް ދިނުމަށް އެރަށު ކޯޓުން އަމުަރުކޮށްފައިވާ ވަނިކޮށް،  މާމަ އަތުން ދައުލަތަށް އެކުއްޖާ ނެގުމަށް ފެމެލީ ކޯޓުން ވަގުތީ ގޮތުން އަމަުރުކޮށްފިއެވެ.

ފެމިލީ ކޯޓުން މިގޮތަށް އަމުަރުކުރީ މި ކުއްޖާއާ ހަވާލުވެ ތިބި ފަރާތްތަކުން އިހުމާލުވަމުންދާ މައްސަލައަކާއި ގުޅިގެން އެ ކުއްޖާގެ ގާނޫނީޫ ބެލެނެވެރިކަން ދައުލަތަށް ނެގުމާބެހޭ މައްސަލައެއް ދައުލަތުގެ ފަރާތުން ފެމެލީ ކޯޓަށް މިއަދު ހުށަހެޅުމުންނެވެ. ދައުލަތުން ވަނީ މި ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައިވާ ކުއްޖެއް ކަމަށް ބެލެވޭތީ މައްސަލަ އަވަހަށް ބަލައި ދިނުމަށް ކޯޓުގައި އެދިފައެވެ. އެހެންކަމުން ކޯޓުން ވަނީ މިރޭ މައްސަލައިގެ ޝަރީއަތެއް ބާއްވާފައެވެ.

އަދި އަމުރުކުރީ 24 ގަޑިއިރު ތެރޭގައި ކުއްޖާ ދައުލަތާ ޙަވާލުކުރުމަށެވެ. އެ ޢަމުރު ތަންފީޒު ކުރުމަށް ހުރަސްއަޅާނަމަ، އެކަން ހުއްޓުވައި އެ ކުއްޖާ ދައުލަތާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މީގެކުރިން ތިމަރަފުށި ކޯޓުން ނެރުނު އަމުރުވެސް ތަންފީޒު ކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދިނެވެ.

ފުލުހުން ބުނީ މިމަހުގެ 2 ވަނަ ދުވަހު ތިމަރަފުށީ ކޯޓުން ފުލުހުންނަށް ނެރެފައިވާ ކޯޓު އަމުރެއްގައި ކުޑަ ކުއްޖެއްގެ މާމަ އެ ކުއްޖާ ހަވާލު ކުރުމަށެވެ. އަދި އިއްޔެގެ 14:00ގެ ކުރިން އެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އެކުއްޖާގެ މާމަ ހެނދުނު ކުއްޖާއާއި ހަވާލުވުމަށް އައިއިރު، ކުއްޖާ ސްކޫލްގައި ހުރުމުން، ސްކޫލް ނިމުނީމަ 12:30 ހާއިރު ކުއްޖާ ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށް ކުއްޖާގެ ބައްޕައަށް ފުލުހުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކުއްޖާ ހުން އައިސްފައިވާތީ ސްކޫލް ނިމުމުން ކުއްޖާގެ ބައްޕަ އޭނާ ގޮވައިގެން މުލަކު ހޮސްޕިޓަަލަށް ގެންގޮސް ހޮސްޕިޓަލުގައި ކުއްޖާ އެޑްމިޓް ކޮށްފައިވާ ކަމަށާއި އަދި ކުއްޖާގެ ހާލަތު އިނގޭނީ ބްލަޑް ޓެސްޓް ހަދާފައި 14:30 ގައި ކަމަށް ކުއްޖާ ބެލި ޑޮކްޓަރާއި ހަވާލާދީ ކުއްޖާގެ ބައްޕަ ބުނި ކަމަށް ފުލުހުން ބުންޏެވެ.

ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޖާގެ މާމަ ހޮސްޕިޓަލަށް ގެންގޮސް ލިޔުމުން ކުއްޖާވަނީ މާމައާއި ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުއްޖާގެ ހާލަތު ރަނގަޅު ކަމަށް ބުނެ ޑިސްޗާޖް ކުރަން 15:00 ހާއިރު ޑޮކްޓަރު ނިންމިއިރު، ހޮސްޕިޓަލް ކައިރިއަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސްއަޅަފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ކުއްޖާއާއި ކުއްޖާގެ މާމަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އެތަނަށް އެއްވެ ތިބި މީހުންގެ ގާތުގައާއި، އަދި ކުއްޖާގެ ބައްޕައަށް އެތައް ފަހަރަކު ފުލުހުން ނަސޭހަތްތެރިވެފައިވީ ނަމަވެސް އެމީހުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ހޮސްޕިޓަލުގެ އެމްބިއުލާންސް ހަމަޖައްސައި، ކުއްޖާ ގޮވައިގެން ބަނދަރަށް ދިއުމަށް 19:00 ހާއިރު މަސައްކަތް ކުރުމުން ރައްޔިތުންގެ ބަޔަކު ނިކުމެ އެމްބިއުލާންސަށް ނުދެވޭ ގޮތައް ބިންމަތީގަިއ އޮށޯވެ، އެކަމަށް ހުރަސް އަޅާފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންނާއި ކުއްޖާގެ ސަލާމަތަށް ބެލުމަށްފަހު ކުއްޖާއާއި ކުއްޖާގެ މާމަ ގޮވައިގެން ހޮސްޕިޓަލުން ފައި މަގުގައި ޕޮލިސް ލޯންޗާއި ހަމައަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގޮވައިގެން ގެންދިޔަ މަގުމަތީގައި ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވާނެ، ނަމަވެސް އަންހެނަކު ކުއްޖާގެ މާމަގެ ބުރުގާގައި ހިފައިގެން އުޅެނިކޮށް މަގު މައްޗަށް ވެއްޓުނުކަން ފާހަގަކުރާ ކަމަށެވެ.

ތިމަރަފުށި ކޯޓުން ނެރެފައިވާ ކޯޓު އަމުރު އިއްޔެ ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކަކާއި އެކުގައިވެސް ގަޑިއަށް ކޯޓު އަމުރު ތަންފީޒުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.