އިންތިހާބުގެ މުއްދަތުތައް ކުރުކޮށްލުމުން، ނޭދެވޭ އަސަރު ކުރާނެ: އާދަމް ޝަރީފު

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު: ފޮޓޯ / މަޖިލިސް

އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނުގައި ބަޔާންކުރާ މުއްދަތައް “ކުރު ގަޅުވާލުމުން” އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮންނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އިންތިހާބު އަވަސް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވޯޓާސް ލިސްޓު އާން ކުރަންޖެހޭ މުއްދަތާއި ޝަކުވާ ހުށަހަޅަންދީފައިވާ މުއްދަތާއި އިންތިހާބާ ގުޅޭ މައްސަލަ ކޯޓަށް ހުށަހަޅަންދީފައިވާ މުއްދަތުތައް ކުރުކޮށްފައިވެއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފު ވިދާޅުވީ އިންތިހާބާ ގުޅިގެން ޤާނުނުގައި ބަޔާންކުރާ މުއްދަތުތައް ކުރުކޮށްލުމަކީ އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދާނެ ކަމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނާ މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި އިންތިހާބު ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

“އިންތިހާބުތަކާ ބެހޭ މުއްދަތުތައް ކުރުކޮށްލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މުޅި އިންތިހާބަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް. އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން އެއީ އީސީ [އިލެކްޝަންސް ކޮމިޝަން]އާ ވާހަކަ ދައްކައިގެން، އަޅުގަނޑުމެން އިލެކްޝަންގެ މަޝްވަރާއާ އެކީގައި އެ މުއްދަތު ކުރުނުކޮށް، މިހާރު މިއޮތް ތާރީހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ގޮތަކަށް އަޅުގަނޑުމެންގެ މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭނެ ގޮތެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،” އިދިކޮޅު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އާދަމް ޝަރީފު ވިދާޅުވިއެވެ.

“އެނޫން ގޮތަކަށް އަޅުގަނޑުމެން މުއްދަތުތައް ކުރުގަޅުވާފައި މިކަންތައްކޮށްފިނަމަ، މި އިންތިހާބަކީ ސައްހަ ނޫން އިންތިހާބެއް ކަމަށް ކޯޓުގައި ދައުވާ ކުރުމުގެ ފުރުސަތު އޮތް ކަމެއް.”

އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައި ތިން މާއްދާއެއްގައި ބަޔާންކުރާ ހަ މުއްދަތަކަށް ބަދަލު ގެނައުމަށް ހުށަހާޅާފައިވެއެވެ. އެގޮތުން އިންތިހާބުތަކާ ބެހޭ އާންމު ޤާނުނަށް ނުވަ ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ 45 ދުވަހުގެ ބަދަލުގައި 30 ދުވަހަށް އެ މުއްދަތު ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ. އެ ބަދަލާއެކު ވޯޓާސް ލިސްޓު، އާންމު ކުރާނީ އިންތިހާބު ބޭއްވުމުގެ 30 ދުވަހުގެ ކުރިންނެވެ.

މީގެ އިތުރުން 10 ވަނަ މާއްދާގެ (ށ) އަދި (ރ)ގައި ބަޔާންކުރާ 10 ދުވަހުގެ ބަދަލުގައި ފަސް ދުވަހުގެ މުއްދަތަށް ކުރު ކުރުމަށް ހުށަހަޅާފައިވެއެވެ. އަދި އެ މައްދާގެ (ޅ)ގައި ބަޔާން ކުރާ ފަސް ދުވަހުގެ ބަދަލުގައި ތިން ދުވަހަށް ކުރު ކުރުމަށް ހުށަހަޅަން އިސްލާހު ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެ މާއްދާގެ (ކ)ގައި ބަޔާން ކުރާ 15 ދުވަހުގެ ބަދަލުގައި ހަތް ދުވަހަށް ބަދަލު ކުރުން ހުށަހަޅާފައިވެއެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރާ 14 ދުވަހުގެ ބަދަލުގައި ހަތް ދުވަހަށް ބަދަލުކުރަންހުށަހަޅާފައިވެއެވެ.މީގެ އިތުރުން 65 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރާ 30 ދުވަހުގެ ބަދަލުގައި 15 ދުވަހަށް ހުށަހަޅާފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.