ކޯޓުގައި އޮތް އިންތިހާބާ ގުޅޭ ތިން މައްސަލަ އަވަސްކުރަންޖެހޭ: އަލީ ނިޔާޒު

މެމްބަރު އަލީ ނިޔާޒު: ފޮޓޯ/ މަޖިލިސް

އިންތިހާބު އަވަސް ކުރުމަށްޓަކާ އިންތިހާބާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އަވަސް ކުރަންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އިންތިހާބު އަވަސް ކުރާ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލީ ނިޔާޒެވެ.

ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ އިންތިހާބު އަވަސް ކުރުމަށް ޤާނޫނަށް އިސްލާހު ހުށަހެޅި ގޮތަށް، ދައުލަތުގެ އެހެން އިދާރާތަކުން ވެސް އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ކޯޓަށް ހުށަހަޅާފައިވާ އިންތިހާބާ ގުޅޭ މައްސަލަތައް އަވަސް ކުރުމަށެވެ.

“އަޅުގަނޑުމެންނަށް އިނގޭ ގާނޫނުގައި ލިޔެގެން ކޯޓުގައި ހުރި މައްސަލަތައް ހައްލު ނުކުރެވިދާނެކަން. އެހެންނަމަވެސް ކޯޓުގައި އޮތް ތިން މައްސަލައަށް މި މުއްދަތުގެ ތެރޭގައި ހައްލު ގެނެސްގެން، އަވަސް ކުރުމަށް ޖާގަ ހޯދުމަކީ މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެން،” އަލީ ނިޔާޒު ވިދާޅުވިއެވެ.

އިންތިހާބާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ ތިން މައްސަލަ ވެސް ކުރިއަށް ދަނީ ދިވެހިރާއްޖޭގެ ހައި ކޯޓުގައެވެ. އެއީ އަންހުންނަށް ގޮނޑިތައް ހާއްސަ ކުރި މައްސަލަ އާއި އަލުން އިންތިހާބަށް ހުޅުވާލުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކާއި ކެންޑިޑެސީއެއް ބާތިލުކުރި މައްސަލައެކެވެ.

“އެހެންވީމަ މި މައްސަލަތައް އަވަހަށް ނިންމައި، ވީހާވެސް އަވަހަކަށް ބޭއްވޭނެ ގޮތް ދައުލަތުގެ ހުރިހާ ފަރާތްތަކުން އެއްބާރުލުން ދީގެން މިކަން ކުރުމަށް،” އަލީ ނިޔާޒު ވިދާޅުވިއެވެ.

“މި ބިލުގެ ސަބަބުން ޤާނޫނީ ހުރަސްތައް ހަމަ ޔަގީނުން ވެސް ނެތިގެންދާނެ. އެހެންނަމަވެސް އިންތިހާބު ބޭއްވުމަށްޓަކާ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނޫން އޮތީކީ. ޤާނޫނުގައި ހުރި ބައެއް ކަންކަމަކީ ހުރިހާ ކަންކަމަކަށް ހައްލު ލިބޭ ކަންކަމެއް ނޫން،”

ހިޔާލު ދެއްވާ!

Your email address will not be published.