އުންމީދަކީ، ސަރުކާރުން ގާއިމްކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިޔުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ހާއްސަ ތަނެއް ނޫން ކަމަށެވެ. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ އާންމު ސިއްހަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށާއި އެހެންކަމުން، މިއީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ހާއްސަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
“އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެން ދެކޭ ހުވަފެންތައް، ހަގީގަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން. އޭގެ އިތުރުން، ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން،” ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެއިތުރުން މިއީ، ދޮށީ އުމުރުގެ ބޭފުޅުންނަށްވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތު ކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް ކަމަށާއި މިހާތަނަށް ކަސްރަތު ނުފަށްޓަވާ ބޭފުޅުންވެސް އެތަނަށް ވަޑައިގެން، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“ކުރިންވެސް ދެންނެވި ފަދައިން، މިތަނުގައި އެންމެ ފުރަތަމަ ޓްރެކެއް ހުޅުވުނީ 1998 ވަނަ އަހަރު. އޭރުން ފެށިގެން، މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް، މިތަނުގައި އޮތީ ވެލި އަޅައިގެން ހަދާފައި އޮތް ޓްރެކެއް. ކޮންމެފަހަރަކުވެސް ޓްރެކް ހަލާކުވީމާ، ވެލިއަޅައިގެން ހަރުކުރުމަށްފަހު އެއްވަރުކޮށްލަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް، އެ ފެންވަރުގައި ހުރެގެން، ކުޅުންތެރިންނެއް ނުއުފެއްދޭނެ،” ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ޒުވާނުން ހޯދާ ކާމިޔާބީތައް މަދު ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްގީ ކުރެވިފައި ނުވާ ކަމަށެވެ. ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް، އެކަށީގެންވާ މިންވަރަކަށް ތަރައްޤީ ކުރެވިފައި ނުވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑުމެން މި ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިޔުން. ހަމައެފަދައިން، ކުޅިވަރުގެ ޒަރީއާއިން، ޢާންމު ޞިއްޙަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން ދިޔުމަކީވެސް، އަޅުގަނޑު ވަރަށް އެދޭ ކަމެއް،” ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
Tourism ministry ga ulhey hashim kahala zuvaanun kaleah ufehdheynee. roigannaaneekee noon ehen buneema.