ހާލު ދެރަވަމުންދާ ދެ މީހަކު ވިލިނގިލީ ކޮވިޑް ފެސިލިޓީން މާލެ ގެންނަނީ

ގއ. ދާންދޫއިން ޕޮޒިޓިވްވި މީހަކު ހާލު ދެރަވެގެން ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެނައުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ/ ގއ. އަތޮޅު ހޮސްޕިޓަލް

ކޮވިޑް19 ޖެހި ހާލު ދެރަވަމުންދާ ދޮށީ އުމުރުގެ ދެ މީހަކު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު “ހަތާވީސް”އަށް ވިދާޅުވީ ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ތިބި ހަތަރު މީހުންގެ ތެރެއިން 79 އަހަރުގެ ފިރިހެނަކާއި 68 އަހަރުގެ ފިރިހެނެއްގެ ހާލު ދެރަވަމުންދާތީ މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ކޮވިޑުގެ ހައި ރިސްކު މީހުންނަށް ފަރުވާ ދެމުންދާ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ދެއްވަދޫއިން މިއަދު އިތުރު ބަޔަކު ފަރުވާއަށް ގެންނާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ދެއްވަދޫގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރި މިއަދާ ހަމައަށް އެ ރަށުން 54 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މުޅި ރަށް ލޮކްޑައުންކޮށް، ގިނަ ގެތަކެއް ވަނީ ކަރަންޓީނަށްލާފައެވެ.

އެޗްޕީއޭއިން ބުނީ އެ ރަށުން އުފެދުނު ބޮޑު ކްލަސްޓާގައި ހައި ރިސްކު 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ. ދަރުބާރުގޭގައި މިދިޔަ ބުރާސްފަތި ދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯސީ)އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ ދެއްވަދޫ ކްލަސްޓއާއިން 250 ކޮންޓެކްޓުން ހޯދިފައިވާ ކަމަށާއި އޭގެ ތެރޭގައި ހައިރިސްކު 101 މީހަކު ހިމެނޭ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.