އިންތިގާލީ އިންސާފުގެ އޮމްބަޑްޕާސަންގެ އޮފީހަށް ބޭފުޅުން އައްޔަން ކުރައްވައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން، އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްޕާސަން އާރިފް ---

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން، އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްޕާސަންގެ އޮފީހަށް އިސް ވެރިން އައްޔަން ކުރައްވައިފިއެވެ.

އެ އޮފީހުގެ ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އައްޔަން ކުރެއްވީ ނ. މާފަރު އީޓުޖެހިގެ ޢަބްދުއްސަލާމް ޢާރިފެވެ. އޮމްބަޑްސްޕަރސަންގެ މަޤާމަށް ހަމަޖެއްސެވީ ގއ. ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޛާ ޖިހާދާ އަނީސް އާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާއެވެ. މި ތިން ބޭފުޅުން އެ މަޤާމުތަކަށް ޢައްޔަންކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބްދުއްސަލާމް ޢާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ ޖިހާދާ އަނީސް އެންމެފަހުން އަދާކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމެވެ. އޭގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަޤާމުތަކެއް އެ ކަމަނާ ފުރުއްވާފައިވެއެވެ. އަލްއުސްތާޛާ ޖިހާދާ އަނީސް ވަނީ މޯލްޓާގެ އައިއެމްއޯ އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓަރސް އޮފް ލޯސް އިން އިންޓަރނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވާފައެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރެއްވި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރަރއެއްގެ މަޤާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތަޢުލީމީ ދާއިރާގެ މަޤާމުތައް އަދާކުރައްވާފައެވެ. މަރްޔަމް ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.

އިންތިގާލީ އިންސާފުގެ ޤާނޫނަކީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ދެމެދު ހިނގައިދިޔަ މުހއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.