ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ދެ މިލިޔަނުން މައްޗަށް

ޗައިނާގެ ވުހާންގެ ހޮސްޕިޓަލަކަށް ބަލި މީހަކު ވެއްދުމުގައި އެ ގައުމުގެ ސިއްހީ ހިދުމަތްތެރިއަކު މަސައްކަތް ކުރަނީ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް ޖެހިގެން މަރުވިމީހުންގެ ޖުމްލަ އަދަދު އިއްޔެ ދެމިލިޔަން ފަހަނައަޅައި ހިނގައްޖެއެވެ.

އެބަލީގައި މަރުވި މީހުންގެ އަދަދު މިހާ މައްޗަށް ގޮސްފައި މިވަނީ އެބަލީގެ ވެކްސިން ޖަހަން ގައުމުތަކުން ވަރުގަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ވަގުތެއްގައެވެ. އެ މަސައްކަތް ކުރިއަށްދާތީ ބައެއް ގައުމުތަކުގެ މީހުން އުއްމީދުކުރަނީ ބަލިމަޑުކަން ދާދި އަވަަހަށް ނިމިދާނެ ކަަމަށެވެ. އެކަމަކު އެހެން ބައެއް ގައުމުތަަށް އަދި އެއީ ވަރަށް ދުރު ހުވަަފެނެކެވެ.

ކޮވިޑްޖެހިގެން މަރުވިމީހުންގެ އަދަދު ދެމިލިޔަނަށް ވުރެ މައްޗަށް ގޮސްފައި މިވަނީ ޗައިނާގެ ވޫހާނުން އެބަލި ފުރަތަމަ ފެނުނުތާ އަހަރަކާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ކޮވިޑްގެ ހިސާބުތައް އެންމެ ރަަނގަޅަށް ބަލަހައްޓާ ޖޯންހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތައް ދައްކާގޮތުގައި ބަލިޖެހުނުކަން ޓެސްޓްތަކުން ކަށަވަރުކުރެވުނު މީހުންގެ އަަދަދު މިހާރު ވަނީ 90 މިލިޔަނަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވި ކޮންޓިނެންޓްކަަމަށްވާ ޔޫރަޕުން މަރުވިމީހުންގެ އަދަދަކީ މިހައިތަނަށް 650،560 އެވެ. ލެޓިން އެމެރިކާއާއި ކެރީބިއަން ސަރަހައްދުން މަރުވިމީހުންގެ އަދަދަކީ 542،4110 އެވެ. އެމެރިކާއާއި ކެނެޑާއިން 407،090 އެވެ.

ކޮވިޑްގައި މަރުވިމީހުންގެ އަދަދު ދެމިލިޔަނަށް ވުރެ މައްޗަށް ދިއުމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސް އެކަން ސިފަކުރެއްވީ “ވަަރަށް ހިތްދަތި”ކަމެއްގެ ގޮތުގައެވެ. އެއާ އެކު އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވުމަށް އޭނާ ގޮވައިލެއްވިއެވެ.

“ހިތާމައާ އެކު ދަންނަވަން ޖެހެނީ  ބަލިމަޑުކަމުގެ ނަތީޖާ މިހާ ގޯސްވީ މުޅި ދުނިޔޭގައި ގުޅިގެން މަސައްކަތްކުރުން  ނެތުމުގެ ސަބަބުން،” އޭނާ ވިދާޅުވިއެވެ.

ބައެއް ގައުމުތަކަށް މިއަހަރުވެސް އަރައިނުގަނެވޭނެ

އެެމެރިކާ، އިނގިރޭސިވިލާތްް، ކެނެޑާ، އިޒްރޭލް އަދި ޖަރުމަަނު ފަދަ މުއްސަނދި ބައެއް ގައުމުތަކުގެ މީހުންނަށް މިހާރު ވަނީ ކޮންމެވެސްް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ. އެތަންތަނުގެ އެތައްް މިލިޔަން މީހުންނަށް މިހާރު ވަނީ ކޮވިޑާ ދެކޮޅަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބިފައެވެ. އެއީ ވެކްސިންގެ އެއް ޑޯޒް ނަމަވެސް އެމީހުންނަށް ދީފައި ވާތީއެވެ. އެހެން ނަމަަވެސްް ބައެއް ގައުމުތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް އަދިވެސް ނުވެސް ފެށެއެވެ.

އެެހެންވެ ކަމާ ބެހޭ މާހިރުން ލަފާކުރައްވާ ގޮތުގައި އީރާން، އިންޑިއާ، މެކްސިކޯ އަދި ބްރެޒިލް ފަދަ ގައުމުތަކަށް ކުރިއަށް އޮތް އަހަރެއްހާ ދުވަހަކީ ވެސް ގެއްލުމާއި ދަތީގެ ދުވަސްތަކެކެވެ. ކޮވިޑްގައި މަރުވިމީހުންގެ ހަތަރުބައިކުޅަ އެއްބަޔަކީ މިގައުމުތަކައި މަރުވިމީހުންނެވެ.

ކަންމިހެން ހުރި އިރު ހުރިހާ ގައުމަކަށް އަދި ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޓަކައި އދ، އިން އިސްނަގައިގެން ގާއިމްކޮށްފައިވާ ކޮވެކްސް ފެސިލިޓީ އެކަށީގެންވާ ގޮތަކަށް މަސައްކަތެއް ނުކުރެއެވެ. ކޮވެކްސްއަށް ވެކްސިން ނުލިބިގެން އުޅެނީ ފައިސާ ނެތިގެންނެވެ.

އެހެންވެ ދުނިޔޭގެ ސިއްހަތުޖަމިއްޔާ ޑަބްލިއުއެޗްއޯގެ ސައިންސްވެރިން ވިދާޅުވާ ގޮތުގައި ކޮވިޑާ ދެކޮޅަށް ހާޑް އިމިއުނިޓީއެއް އުފެދުން އަދި އޮތީ ވަރަށް ދުރުގައެވެ. “ހާޑް އިމިއުނިޓީ” އަކީ ގިނަ ބައެއްގެ ހަށިގަނޑުގައި އެބައްޔާ ދެކޮޅަށް ދިފާއު އުފެދުމެވެ. އެކަމަށް ޓަކައި ދުނިޔޭގެ އާބާދީގެ މަދުވެގެން 70 ޕަސެންޓް މީހުންނަށް ވެކްސިން ދޭން ޖެހެއެވެ.

ސިއްހީ މާހިރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަކީ އެކަށީގެންވާ އަވަސްމިނެއްގައި ވެކްސިން ނުދެވޭ ނަމަ ވައިރަސް މިއުޓޭޓްވާން (ބަދަލުވާން) ވަގުތުލިބުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.