ޖެންޑާ މިނިސްޓަރަކަށް ޑރ. ނާޒްއާ ޝިފާ އައްޔަންކުރަން ސޯޝަލް މީޑީއާ ކެމްޕެއިނެއް!

މިއަދަކީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް އެކަމަނާއަށް ހަވާލު ކުރައްވާފައިވާ ޒިންމާ އަދާ ނުކުރެވުނު ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ ގަބޫލުކުރައްވާފައެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިފަދައިން އެތައް މެންބަރަކު މިއަދު ގަބޫލުކުރައްވާ ވާހަކަދައްކަވާފައިވާއިރު ބައެއް މެންބަރުން ވަނީ ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އަދި ހަމައެއާއެކު ބައެއް "އިސް" އެމްޑީޕީ މެންބަރުން ވަނީ ޝިދާތާއަށް "އިންޒާރެއް"ވެސް ދީފައެވެ. އެއީ ރީތި ގޮތުގައި ކުށް ގަބޫލުކުރައްވާ އިސްތިއުފާ ނުދެއްވައިފި ނަމަ މަޖިލިސް ތެރެއިން އެކަން ކުރައްވާނެ ކަމުގެ ވާހަކައެވެ.

ޝިދާތާއަށް މަޖިލިސް ތަޅުމުގައި އިސްތިއުފާއަށް ގޮވުމަށްފަހު އެކަމަނާއާ މަގާމުގައި ހުރުމާއި މެދު އެމްޑީޕީގެ ޕާލިމަންޓްރީ ގޮތެއް ކަނޑައެޅިއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުންގެ އިއްތިފާގުން ނިންމީ ޝިދާތާ މަގާމުން ވަކި ކުރުމަށެވެ. ކޮންމެއަކަސް ޝިދާތާގެ އިސްތިއުފާއަށް މެންބަރުން ގޮވިއިރު ޝިދާތާ އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުމެއް ނުވެއެވެ. އެކަމަނާ ވަނީ މި ފަހުންވެސް ހިނގާދިޔަ ހުރިހާ ކަމެއްގައި ޖެންޑާ މިނިސްޓްރީއާ ހުދު އެކަމަނާވެސް ދިފާއު ކުރައްވާފައެވެ.

ޝިދާތާގެ އިސްތިއުފާއަށް ގޮވާ އެކަމަނާ މަގާމުން ވަކި ކުރުމަށް އެމްޑީޕީން ނިންމުމާއި އެކުގައި ސޯޝަލް މީޑިއާގައި ޖެންޑާ މިނިސްޓަރަކަށް ގެންނަން އެންމެ ރަނގަޅު ބޭފުޅަކާއި މެދު ބަހުސް ކުރެވެން ފެށިއެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑީއާގައި ލޮބީ ކުރަމުން ގެންދިޔަ އެއް ނަމަކީ މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒުއެވެ. އެކަމަނާ މިހާރުވެސް އަންނަނ ނަފްސީނީ ބަލިތަކާއި ގުޅޭ ގޮތުން ރާއްޖެޓީވީގައި ހާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ. ޑރ. ނާޒު ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބޯޑާއި ޕެރޯލު ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.

ޑރ. ނާޒު ތައުލީމް ހާސިލް ކުރައްވާފައިވާ ދާއިރާއިންނާއި މަސައްކަތް ކުރައްވާފައިވާ ދާއިރާގެ އިތުރުން އާއްމުންނާއި ބަހައްޓާ ގުޅުމުން ޖެންޑާ މިނިސްޓަރަކަށް އެންމެ އެކަށީގެންވަނީ ޑރ. ނާޒު ކަމަށް ސޯޝަލް މީޑިއާގައި އެއްބަޔަކު އަންނަނީ ބުނަމުންނެވެ.

ޑރ. ނާޒުގެ އިތުރުން ދެން ސޯޝަލް މީޑިއާގައި ލޮބީ ކުރަމުން ގެންދާ އަނެއް ނަމަކީ މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދުއެވެ. ޝިފާއަކީ މީގެކުރިން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ މައިދާނުގައި މިހާރު މަސައްކަތް ކުރެއްވި ނަމަވެސް އޭނާ ވަނީ މާލެސިޓީގެ މަޝްހޫރު ބޮޑެތި ގިނަ ސްކޫލުތަކުގެ ޕްރިންސިޕަލްކަން ކުރައްވާފައެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މާލެސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވާ މާބޮޑު މަސައްކަތެއް ޝިފާ އަށް ނުކޮށްދެވުނު ނަމަވެސް ޖެންޑާ މިނިސްޓަރުކަން ޝިފާއަށް ދެއްވައިފި ނަމަ އެކަމަނާ ތަފާތު ދައްކަވާނެއެވެ. ހާއްސަކޮށް މީގެކުރިން ޝިފާވެސް އުޅުއްވި ދާއިރާގެ ސަބަބުން އެކަމަނާ ތަފާތު ދައްކަވާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު  މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ޖެންޑާ މިނިސްޓްރީން މި މައްސަލައިގައި އިހުމާލުވެފައިވަނީ ސީދާ ޖެންޑާ މިނިސްޓަރު ޝިދާތާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ އިހުމާލު މިހާ ހިސާބަށް ދިއުމުން، އެކަމުގައި ޒިންމާ ނަގަން ޖެހޭނީ ޖެންޑާ މިނިސްޓްރީގެ ރިސެޕްޝަނިސްޓު ނޫން ކަމަށާއި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެހުންނެވި މިނިސްޓަރު ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *