ކުދި ވިޔަފާރިތަކަށް 381 މިލިއަން ރުފިޔާ އެސްޑީއެފްސީ އިން ދޫކޮށްފި

އެސްޑީއެފްސީ: ފޮޓޯ / ރާއްޖެ އެމްވީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެސްޑީއެފްސީ އިން 300 މިލިއަން ރުފިޔާ އަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

އެސްޑީއެފްސީ އިން މިރޭ ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ހޯދުމުގެ ގޮތުން މިދިޔަ އަހަރު ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

އެގޮތުން ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީ ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން އެސްޑީއެފްސީ އިން ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ.

އެސްޑީއެފްސީ އިން ވަނީ 2205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނުއެހީ ދޫކޮށްފައެވެ. އަދި އެ ލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވެދޭނެ ކަމަށް އެސްޑީއެފްސީ އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު ކޮވިޑް-19 އާއި ގުޅިގެން އިއުލާންކުރި ލޮކްޑައުންނަށްފަހު ކުންފުނީގެ އޮޕަރޭޝަންސް ފަށާ، ކޮވިޑުގެ ނާޒުކު ހާލަތުގައިވެސް އިތުރު 305 ފަރާތަކަށް ޖުމްލަ 420 މިލިއަން ރުފިޔާގެ ލޯނު އެސްޑީއެފްސީ އިން ދޫކޮށްފައިވާ ކަމަށް އެސްޑީއެފްސީ އިން މައުލޫމާތުދެއެވެ.

އެގޮތުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝިއަލް ވިޔަފާރިތަކަށް އެސްޑީއެފްސީ އިން މައުލޫމާތުދެއެވެ. އަދި ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތީން އެސްޑީއެފްސީ އިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތައް ކަމަށް އެސްޑީއެފްސީ އިން ބުނެއެވެ. އަދި މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީ އިން ލޯނު ދޫކޮށްފައިވާ ކަމަށްވެސް ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.