ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ދިއުމުގެ ހުއްދަ ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު އަށް ނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ބާތިލް ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފުކޮށްފިއެވެ.
ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގި ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ކަމަށެވެ. އެގޮތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލަ އާއި ގުޅޭ ގޮތުން މިދިޔަ މަހުގެ 24ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ޖިހާދު ފުރުން މަނާކޮށްފައެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އިއްޔެ ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމަށެވެ.
ހައިކޯޓުގެ ހުކުމްގައި ދަށު ކޯޓުގެ ނިންމުން ގޯސް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޖިހާދު އަށް ފުރުމުގެ ހުއްދަ ދީފި ކަމަށްވާ ނަމަ އެމަނިކުފާނު ރާއްޖެ ދޫކޮށް ފިލާފާނެ ކަމަށް ބުނެ ދައުލަތުން ހުށަހަޅާފައވާ ހެއްކަކީ ޖިހާދު ރާއްޖެ އިން ފިލައިގެން ދާން އުޅޭ ކަމުގެ ހެއްކެއް ނޫން ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-A/004 ނަންބަރު ޤަޟިއްޔާ ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭތީ، އެޤަޟިއްޔާ އިލްތިމާސް ކޮށްދެއްވުންއެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިން.
— PGOMV (@PGO_MV) January 14, 2021
އެ މައްސަލަ އެގޮތަށް ނިންމެވުމުން ޕީޖީ އޮފީހުން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ މައްސަލާގައި ހައިކޯޓުން ނިންމާފައިވާ ގޮތާއި ގުޅޭ ގޮތުން ހިތްހަމަނުޖެހޭތީ، އެގަޒިއްޔާ އިލްތިމާސް ކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.