ހިޝާނަށް ގައުމީ އިނާމު ދިނީ ކުށުގެ އެއްވެސް ރިކޯޑެއް ނެތުމުން

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޖިންސީ ގޯނާކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ގައުމީ އިނާމު ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން ނިންމީ އޭނާގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރުމުން ކަމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާމަން އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާމަން އަނީސާ އަހުމަދު ވިދާޅުވީ ގައުމީ އިނާމަށް އެދި ހުށަހަޅާ މީހަކަށް އިނާމު ދިނުމުގެ ކުރިން އެ މީހެއްގެ ކުށުގެ ރެކޯޑު އޮތްތޯ އަބަދުވެސް ކޮމިޓީން ބަލާ ކަމަށެވެ. އަހްމަދު ހިޝާނަށް އިނާމު ލިބުނީ އޭނާގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ފަރާތުން ވެސް އަދި ކޯޓުން ވެސް ކޮމެޓީއަށް މައުލޫމާތު ދިނުމުން ކަމަށް އަނީސާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ކޮންމެ މީހަކު ވެސް އެ މީހަކަށް އިނާމު ދޭން ނިންމުމުގެ ކުރިން އެ މީހެއްގެ ކުށުގެ ރެކޯޑެއް އޮތްތޯ އަބަދުވެސް ބައްލަވާ ކަމަށެވެ. އަނީސާ ވިދާޅުވީ، މިހާާރު ވެސް ހިސާންގެ މައްޗަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށެވެ. ޝަރުއީ ކޯޓެއްގައި ކުށް ސާބިތުވެފައި ނުވާތީ، އަދި އޭނާގެ އަތުން އިނާމު އަތުލަން ކޮމިޓީއަށް ނުނިންމޭނެ ކަމަށެވެ. ގައުމީ އިނާމު މީހަކަށް ދިނުމަށް ފަހު، އޭނާގެ އަތުން އިނާމު އަތުލެވޭނެ ގޮތްތައް ގައުމީ އިނާމު ދިނުމާ ބެހޭ އުސޫލުގައި ބަޔާން ކޮށްފައިވާ ކަމަށާއި އެއިން ހާލަތަކަށް އަދި ނުދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަމުގެ މައުލޫމާތު ލިބިފައި ވަނިކޮށް، އޭނާއަށް ޑިސްއެބިލިޓީ އެމްބެސެޑަރުކަމުގެ މަގާމުދީ، ފެމެލީކޯޓުގެ ހުކުމާ ހިލާފަށް އޭނާގެ ބެލުމުގެ ދަށުގައި ނަފްސާނީ ބަލި ހުންނަ ޒުވާނަކު ހުރި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އިހުމާލު ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ.

އެގޮތުން މި މައްސަލައަށް ބަހުސް ކުރައްވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ނުރައްކާތެރި މައްސަލައަކަށް ތުހުމަތު ކުރެވޭ މީހަކަށް ދައުލަތުން ވަރަށް ބޮޑެތި އިއްޒަތާއި ލަގަބު ދީފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.