ކޮރޯނާ ވައިރަހުގެ ސަބަބުން އިގްތިސޯދު ދަށަށް ހިނގައިދާނެ، ހަރަދު ކުޑަކުރޭ!

ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުން އާ ވަޒީފާތައް އުފެއްދުމާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށް، ފިނޭންސް މިނިސްޓަރު އަންގަވައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ސޮއިކުރައްވައި އިއްޔެ ދައުލަތުގެ އިދާރާތަކަށް ފޮނުއްވި، ދައުލަތުގެ ހަރަދުކުޑަކުރުމުގެ ސާކިއުލާގައި ވަނީ، މުވައްޒަފުންނަށް ކުރާ ހަރަދު ކުޑަކުރުމާއި ދަތުރުތަކުގެ ހަރަދު ކުޑަކުރުން، ކެޕިޓަލް ހަރަދާއި އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

މި ސާކިއުލާގައި ބުނީ އާ މަގާމުތައް ނުއުފެއްދުމަށާއި މިވަގުތު ފަށާފައި ނުވާ އެލަވަންސްތައް ވެސް ނުދީ މަޑުޖައްސާލުމަށް އަންގާ ކަމަށެވެ. ޕޭ ކޮމިޝަނުން ރިވިއުކޮށްގެން އަދި ފިނޭންސްގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ވެސް ވަނީ އަންގަވައިފައެވެ.

ދައުލަތުގެ ބަޖެޓުން ހުރިހާ ހަރަދެއް ކުރަން ޖެހޭ ގޮތަށް ރާއްޖެއިން ބޭރަށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށާއި އަދި ދައުލަތުން ހުރިހާ ހަރަދެއްކޮށްގެން، ފެއާތަކުގައި ބައިވެރިވުމާއި ސްޑަޑީޓްއާތަކާއި ކުރު މުއްދަތުގެ ކޯސްތަކަށް މުވައްޒަފުން ފޮނުވުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

ސާކިއުލާގައިވާ ގޮތުގައި، 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ހިނގާ އެއްވެސް މަރާމާތެއް ނުކުރުމަށް ވަނީ އަންގާފައެވެ. އަދި މިހާރު ހިނގަމުންދާ އޮފީސްތަކުގެ މަރާމާތުގެ މަސައްކަތްތައް ފިޔަވާ މަރާމާތުގެ އާ މަސައްކަތްތައް ނުފެށުމަށް ވަނީ އަންގައިފައެވެ.

ސާކިއުލާގައި މިފަދައިން އަންގާފައިވީ ނަމަވެސް ޕީއެސްއައިޕީގެ އެއްވެސް މަސައްކަތެއް ހުއްޓާނުލާ ކުރިޔަށް ގެންދިއުމަށް ވަނީ އެދިފައެވެ. ނަމަވެސް އޭގެ ބޭރުން ހިންގާ އެއްވެސް ކެޕިޓަލް ހަރަދަކީ 35،000 ރުފިޔާއަށްވުރެ މަތީ ހަރަދެއް ނަމަ ފިނޭންސް ހުއްދަ ނުހޯދާ ނުކުރުމަށް ވެސް ވަނީ އެދިފައެވެ.

ސަރުކާރުގެ އޮފީސްތައް ރަސްމީގަޑިން ބޭރުގައި ހުޅުވައިގެން އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށާއި ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތައް ފިޔަވާ އެހެން ދުވަސްތައް ފާހަގަ ކުރަން ހަރަދުތައް ނުކުރުމަށް ވެސް ފިނޭންސް މިނިސްޓަރު ސޮއިކުރައްވާ ނެރުނު ސާކިއުލާގައި ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓަރު މިފަދައިން އަންގާފައި މިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ވެސް މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭތީއެވެ. މި ސާކިއުލާގައި ކައުންސިލްތައް އިސްތިސްނާވާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *