ރާއްޖެ އަށް އައި ބްރެޒިލް އަށް ނިސްބަތްވާ ދެ މީހެއްގެ އަތުން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ ވައިގެމަގުން ރާއްޖެ އައި ބްރެޒިލް އަދި ލަޓްވިއާގެ ރައްޔިތެއްގެ އަތުން 3.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މީގެތެރެއިން އެކަކީ މިދިޔަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެ އައި މީހެއް ކަމަށާއި އެއީ 23 އަހަރުގެ މީހެއް ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން އެމީހާ ފާސްކުރީ އެމީހާގެ އަމަލުތައް ހުރި ގޮތުންނެވެ. އަދި އެމީހާގެ ލަގެޖުން 2.46 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ދެވަނަ މީހާ އަކީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު ރާއްޖެ އައި މީހެކެވެ. އެމީހާވެސް ފާސްކުރީ އެމީހާގެ އަމަލުތައް ހުރި ގޮތުންނެވެ. އެމީހާ ވަނީ ހަށިގަނޑު ތެރެއަށް 66 ކެޕްސޫލް ފޮރުވައިގެން ރާއްޖެ އެތެރެ ކުރުމަށް މަސައްކަތް ކޮށްފައެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 10 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށެވެ.