ކޮވިޑް ނަންބަރުތައް އަނެއްކާވެސް އިތުރުވަނީ، މިއަދުވެސް 59 މީހުން ޕޮޒިޓިވް

މާލެ ތެރޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިން ކުރިޔަށް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ގޮސް ހުއްޓާ އަނެއްކާވެސް ކޮވިޑް ނަންބަރުތައް މައްޗަށް ޖެހެން ފަށައިފިއެވެ.

މިފަހުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވަމުން ދިޔައީ 10 އާއި 20އާ ދޭތެރޭ އަދަދެކެވެ. ނަމަވެސް އެ އަދަދު މިހާރު އަންނަނީ މައްޗަށް ޖެހެމުންނެވެ. އިއްޔެ ވެސް 50 މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ރާއްޖެއިން މިއަދު ވެސް 59 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެތެރެއިން 33 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. 20 މީހަކު ރަށްރަށުން ޕޮޒިޓިވްވެފައިވާއިރު 6 މީހަކު ޕޮޒިޓިވްވެފައި ވަނީ ރިސޯޓުތަކުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14،218 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 13،402 ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާރު ރާއްޖޭގައި ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 750 މީހަކަށެވެ. އޭގެތެރެއިން 53 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ. މިބަލީގައި މިހާތަނަށް 49 މީހަކު ވަނީ މަރުވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.