މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ 20 މުވައްޒަފަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު ރާއްޖެއިން 50 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެތެރެއިން 19 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހަކު ޕޮޒިޓިވްވެފައިވާއިރު މިހާރު އޮޕަރޭޓު ކުރަމުން އަންނަ ރިސޯޓުތަކުން ޖުމްލަ 28 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14،159 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 13،365 ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިހާރު ރާއްޖޭގައި ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 738 މީހަކަށެވެ. އޭގެތެރެއިން 54 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ. މިބަލީގައި މިހާތަނަށް 49 މީހަކު ވަނީ މަރުވެފައެވެ.
މިފަހަކަށް އައިސް ރާއްޖޭގެ ރިސޯޓުތަކުން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެންމެ ފުރަތަމަ ރާއްޖެ އިން މި ބަލި ފެންނަން ފެށީ ވެސް ރިސޯޓުތަކުންނެވެ.