ޝިދާތާ މަގާމުން ވަކިކުރަން އެމްޑީޕީ ޕީޖީއިން ނިންމައިފި

މިނިސްޓަރު ޝިދާތާ/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފި އެވެ.

އެމްޑީޕީގެ ޕާލިމްންޓްރީ ގުރޫޕުން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގަ އެވެ. އެމްޑީޕީއިން ބުނީ މިއަދު ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުން ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައިވާ ކަމަށެވެ.

ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ، ކުޑަކުދިނާ ގުޅުންހުރި އެތައް މައްސަލައެއް މިއަދުވެސް ނުބެލި މިނިސްޓްރީ ފެއިލްވަމުންދާއިރު ޝިދާތާ އެމަގާމުގައި ހުންނެވުމަކީ ގަބޫލު ކުރެވޭ ކަމެއްނޫން ކަމަށެވެ. އަދި އަމިއްލަ ފުޅަށް އިސްތިއުފާ ނުދެއްވާނަމަ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފު ވިދާޅުވީ އެމްޑީޕީއިން ވަކާލާތު ކުރީ އޯގާތެރި ސަރުކާރަކަށް ކަމަށާއި ނަމަވެސް މިއަދު މި ފެންނަނީ އެ ގޮތް ނޫން ކަމަށެވެ. އަދި މިއީ އެމްޑީޕީގެ މެމްބަރުންނަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އެހެންވެ ވަގުތުން މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ހަސަން ލަޠީފު ވިދާޅުވިއެވެ. ހަސަން ލަޠީފު ވިދާޅުވީ އިސްތިއުފާ ނުދެއްވައިފިނަމަ މަގާމުން ވަކި ކުރުމުގެ މަސައްކަތް މިއަދުން މިއަދަށް މަޖްލިސްއިން ފަށަން ޖެހޭނެކަމަށް ގަބޫލް ކުރައްވާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *