ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކޮށްފިއެވެ.
“ހަތާވީސް”އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ދައުވާ ކޮށްފައި ވަނީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނަށެވެ.
މިކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިރޭ ވިދާޅުވީ އެ މައްސަލައިގެ ދައުވާ ހުޅުމާލެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ތަފްސީލް ފަހުން މީޑިއާ އަށް ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ދައުވާ ލިބެނީ ކާކަށް ކަމެއް ޝަފީއު ވިދާޅެއް ނުވެއެވެ.
މި މައްސަލާގައި ހިމެނޭ މީހެއްގެ މައްޗަށް ދައުވާކުރިއިރު ހަމަ މި މައްސަލާގައިތުހުމަތު ކުރެވޭ ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު ޕީޖީ އަށް ފޮނުވައިފައެވެ.
މި މައްސަލަ އާއި ގުޅިގެން މީގެކުރިން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ފުލުހުންގެ ހައްޔަރުކުރީ އެ މައްސަލާގައި ދެ މީހަކު ކަމަށެވެ. އަދި އެމީހުންގެ ކުޑަކަމުދާ ތަކެތި ނުނެގީ އެމީހުން ތިބީ މަސްތުވެގެން ކަމަށް ފުލުހުންނަށް ނުބެލެވޭތީ ކަމަށެވެ.
“އެމީހުންގެ ކުޑަކަމުދާ ތަކެތި ނުނެގީ މަސްތުވެގެން ކަމަށް ނުބެލެވޭތީ،” މަންނާނު ވިދާޅުވިއެވެ.
މީގެއިތުރުން މަންނާނު ވިދާޅުވީ މިހާތަނަށް އެ މައްސަލަ އާއި ގުޅިގެން އެއްވެސް މީހެއްގެ ފަރާތުން ފުލުހުންނަށް ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ.
“ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާލަން ހަމަ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން މި މައްސަލަ އާއި ގުޅިގެން އެއްވެސް ޑިޒިޝަނެއް މިހާތަނަށް ނަގާފައެއް ނުވާނެ. މި މައްސަލާގައި ފުރަތަމަ އަޅުގަނޑުމެން ފާހަގަކުރި ފަދައިން ޖެޓީ އާއި ހަމައިން ކުށެއް ހިނގައިފި ކަމަށް ގަބޫލު ކުރެވުނީ އެވަގުތު އެތަނަށް ދިޔަ ފުލުހަކަށް އޭނާގެ ވިސްނުމަށް. ހައްޔަރު ކުރުމާއި ބަޔާން ނެގުމާއި ޑޮކްޓަރަށް ދެއްކުންވެސް ހަމަ އެގޮތަށް. އެކަމެއް ކުރަން ހަވާލުވެ އެތިބި ބަޔަކު އެބައެއްގެ ކުރިމައްޗަށް ގެނެވިފައި ހުރި މައުލޫމާތުތަކެއް މައްޗަށް ބުރަވެ، އެއްވެސް ނުފޫޒެއް އެއްވެސް ބިރެއް ނެތި ނަގާފައި ހުރި ޑިޒިޝަން އެއީ،” މަންނާނު ވިދާޅުވިއެވެ.
މި މައްސަލާގައި ފުލުހުން މީގެކުރިން ދެމީހަކު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ފަހުން އެ ދެމީހުން ވެސް ވަނީ ދޫކޮށްލައިފައެވެ.