ހުޅުލޭގައި ސްޓެލްކޯގެ ސަބްސްޓޭޝަނެއް އަޅަނީ

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-ފޮޓޯ: ގޫގުލް

ގްރޭޓާމާލެ ސަރަހައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ސަބްސްޓޭޝަނެއް ހުޅުލޭގައި އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހުޅުލޭގައި އެ ސަބްސްޓޭޝަން އެޅުުމުގެ މަސައްކަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުއުނީއާއި، އެމްއޭސީއެލްގެ އެކްޓިން މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ މޫސާ ސޯލިހުގެ އިތުރުން، ދެކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ހުޅުލޭގައި އަޅާ ސަބްސްޓޭޝަނަކީ ގްރޭޓާ މާލޭ އިންޓާކަނެކްޝަން ޕްރޮޖެކްޓްގެ ވަރަށް މުހިންމު ބައެކެވެ. އެގޮތުން ގްރޭޓާ މާލޭ އިންޓާކަނެކްޝަން ނުވަތަ ގުރިޑް ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގައި ހުޅުމާލެއާއި، މާލެ ގުޅާލަން ނިންމާފައިވާއިރު، އެ ސަބްސްޓޭޝަންގެ ސަބަބުން ހުޅުލެވެސް އެ ގްރިޑާއި ގުޅިގެންދާނެ އެވެ. ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުއުނީ މިއަދު ވިދާޅުވީ، އެކަނެކްޝަން ގުޅާ ނިމުމުން ހުޅުލޭގެ ކަރަންޓަށް މައްސަލައެއް ދިމާވި ކަމުގައި ވީނަމަވެސް، މާލެއިން ނުވަތަ ހުޅުމާލެއިންވެސް ހުޅުލެއަށް ކަރަންޓުދެވޭނެ ކަމަށެވެ.

“މި ޕްރޮޖެކްޓަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދީގެން ކުރިޔަށްގެންދާ ޕްރޮޖެކްޓެއް. އެހެން ކަމަށް ވީނަމަވެސް، މިހާރު ކުރަންހުރި މަސައްކަތްވެސް މިވަނީ ކުޑަ ތަންކޮޅެއް ޑިލޭ ވެފައި. އަޅުގަނޑުމެންގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ފަރާތެއް. ކޮރޯނާ ވައިރަސްއާއި ހެދި ޗައިނާގެ ވަރަށް ގިނަ ކުންފުނިތަކެއްގެ މަސައްކަތްތައް މެދު ކަނޑާލާފައި މި އޮތީ. އެގައުމުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ލަސްތަކެއް އުޅުނު ނަމަވެސް، މާލެ ސަރަހައްދާއި، ރައްޖޭގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ވަރަށް ބާރު ސްޕީޑްގައި އެބަދޭ” މުޢުނީ ވިދާޅުވި އެވެ.

އެ ޕްރްޖެކްޓްގެ ދެވަނަ ފޭސްގައި މާލެއާއި، ވިލިނގިލި އަދި ތިލަފުއްޓާއި، ގުޅީ ފަޅު އެއްގުރިޑަކުން ގުޅާލަން ވަނީ ނިންމާފަ އެވެ. އަދި އެ ޕްރޮޖެކްޓްގެ ދެ ފޭސްގެ މަސައްކަތް ނިމުމުން، މާލޭގައި ހުންނަ އިންޖީނުގެެއަކީ ހަމަ އެކަނި ބެކްެއަޕެއްގެ ގޮތަށް ބޭނުން ކުރެވިގެންދާނެ އެވެ. އެއާއެކު މެއިން ކަނެކްޝަންގެ ގޮތުގައި ބޭނުން ކުރެވިގެންދާނީ، ހުޅުމާލޭގައި މި އަހަރު ގާއިމް ކުރަން ފެށުމަށް ނިންމާފައިވާ 50 މެގަވޯޓާއި، މިހާރު ބޭނުން ކުރަމުން އަންނަ 50 މެގަވޯޓާއި އެކު ޖުމްލަ 100 މެގަވޯޓްގެ އިންޖީނުގެއާއި، ތިލަފުށީގައި ގާއިމް ކުރަން ނިންމާފައިވާ 200 މެގަވޯޓްގެ އިންޖީނުގެ އެވެެ.

އެ ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރަމުން އަންނަ ސަބްސްޓޭޝަން ތަކުގެ ތެރެއިން މާލޭގައި ގާއިމް ކުރާ ސަބްސްޓޭޝަންގެ ސްޓީލް ސްޓްރަކްޗާ ނިމި، މިހާރު ދަނީ ފްލޯރިންގެ މަސައްކަތެވެ. އަދި ހުޅުމާލޭގައި ސްޓީލްގެ ކަންކަން ނިމި ޓްރާންސްފޯމަރު ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، ހުޅުލޭ ސްޓޭޝަންގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު އަދި މާލޭގައްޔާއި، ހުޅުމާލޭގައި 95 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާނެ އެވެ. މި ސަބްސްޓޭޝަންތަކަށް ބޭނުންވާ ކޭބަލްތައް އެޅުމަށް ކޭބަލް ޑަކްޓްސް މިހާރު ހުޅުމާލެ ލިންކްރޯޑްގައި ހަދަމުން އަންނަ އިރު، އެކަމަށް ބޭނުންވާ ކޭބަލްތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.