ޑަބްލިއުއެޗްއޯގެ ޓީމެއް ޗައިނާ އަށް ވަނުމުގެ ހުއްދަ ނުދިނުމުން ހިތްހަމަނުޖެހިއްޖެ

ކޮވިޑް19 ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީ އަށް އެ ބަައްޔާއި ގުޅޭ ގޮތުން ދިރާސާއެއް ކުރުމަށް ދިޔަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޓީމެއް އެ ސިޓީއަށް ވަނުމުގެ ހުއްދަ ނުދޭތީ އެ ޖަމިއްޔާ އިން ކަންބޮޑުވެއްޖެއެވެ.

ކޮވިޑް19 ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް ޗައިނާ އަށް ޑަބްލިއުއެޗްއޯގެ ޓީމެއް ފޮނުވަން މަސައްކަތް ކުރާ ކަމަށް މިމަހުގެ އެއްވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.

އަދި ޗައިނާ އަށް ދިޔަ ޓީމަށް އެގައުމަށް އެތެރެ ނުވެވުނު ސަބަބެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ވިސާތައް ބަލާ ފާސްކުރުމުގައި ޖެހުނު މައްސަލައަކުން ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވަނީ އެ ޖަމިއްޔާގެ ޓީމުތައް ޗައިނާ އަށް އެތެރެވުމަށް އެގައުމުން ދޭން ޖެހޭ ހުއްދަތައް ނުދޭތީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

ޗައިނާގެ ފޮރެން މިނިސްޓްރީގެ ސްޕޯކްސްޕާސަން ހުއާ ޔުންޔިންގް ބީބީސީ އަށް މައުލޫމާތު ދެއްވަމުން ވަނީ އެފަދަ ކަންކަމުގައި ހިޔާލު ތަފާތުވުން ހުންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން މާބޮޑު ކަމަކަށް ނުހެދުމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަސައްކަތުގެ ފަންނުގައި ޑަބްލިއުއެޗްއޯގެ މާހިރުންނާއި ޗައިނާގެ ކަމާބެހޭ ފަރާތްތަކަކީ ދެ އަވަށްޓެރިން ކަމަށް ވިދާޅުވެ ހުއާ ޔުންޔިންގް ކޮވިޑް19 ގެ ކޭސްތައް ބައެއް އެހެން ގައުމުތަކުން އަދިވެސް އިތުރުވަމުން ދާތީ ޗައިނާ އިންވެސް އެކަމުގައި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.