ޝިދާތާ ފެއިލްވެއްޖެ، އެންމެ ރަނގަޅީ އިސްތިއުފާ ދިނުން: މެންބަރުން

ދަރުމަވެރިޔާ އަހުމަދު ހިޝާންއަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އެކަން އެނގިތިވބެ އޭނާއަށް "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑާ"ކަން ދިން މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ފެއިލްވެފައިކަން ހާމަވެއްޖެ ކަމަށާއި އެހެންކަމުން ދެން އެންމެ ރަނގަޅު ގޮތަނީ އެކަމަނާ  އިސްތިއުފާ ދިނުން ކަމަށް ވިދާޅުވެ ގިނަ އަދަދެއްގެ މަޖްލިސް މެމްބަރުން ގޮވާލައިފިއެވެ.

މެންބަރުން މިފަދައިން ޝިދާތާގެ އިސްތިއުފާއަށް ގޮވާލާފައި މިވަނީ ހިޝާންއަށް "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑާ" ކަން ދިން މައްސަލާގައި ޖެންޑާގެ އިސްވެރިން ފިޔަވަޅު އެޅުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަމުންނެވެ. މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ދުނިޔޭގެ ލަދަށްޓަކައިވެސް ޝިދާތާ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. ނުދެއްވައިފި ކަމަށްވާނަމަ ސަރުކާރުން އޭނާ [ޝިދާތާ] ވަކިކުރާނެ ކަމަށާއި އެކަންވެސް ނުވެއްޖެ ނަމަ ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޝިދާތާގެ ފަރާތުން ފެންނަނީ ކަމަކަށް ފަހު ކަމަކުން ފެއިލް ވަމުން އަންނަތަން ކަމަށެވެ. އެހެންކަމުން މިއަދު އެކަމަނާއަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުމަށްފަހު ވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރަށް މުޅިން ޑިފެންސިވްގައި ވާހަކަ ދެއްކެވުނީ. އެއްވެސް ކުއްޖަކަށް ރައްކާތެރިކަމެއް، ހިތްހަމަޖެހުމެއް ލިބޭނެ ގޮތަކަށް މި ހިސާބަށް އައިއިރު، ފިޔަވަޅު އެޅިފައި ނެތް،" އީވާ ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީއިން ވަކާލާތު ކުރީ އޯގާތެރި ސަރުކާރެއް ރައްޔިތުންނަށް ގެނެސްދޭނެ ވާހަކަ ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ މިކަމަކީ އެމްޑީޕީގެ މެންބަރުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ އަދި މިއީ އެމްޑީޕީއަށް ތާއީދު ކުރާ ރައްޔިތުން އުއްމީދު ކުރިވެސް ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އެެހެންނޫނީ ވަޒީރު، ދިމާވާ ކޮންމެ ކަމަކަށް ފިޔަވަޅު އަޅަމުން އަޅަމުން ދާން ޖެހޭނެ. އެކަންތައްތައް އިސްލާހު ކުރަން އަޅުގަނޑުމެން އައިސް ތިބީ،" ކުއްލި މައްސަލައަށް ބަހުސް ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވަނީ މިނިސްޓަރު ކަމުން ޝިދާތާ ވަގުތުން ވަގުތަށް ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ މިކަމަކީ ކޯލިޝަނަށް ބަލައިގެން ހުރެވޭނެ ކަމެއް ނޫން ކަމަށާއި ކޯލިޝަނުން ވަކިވާން ޖެހުނަސް މިކަން ކުރަންޖެހޭނެ ކަމަށެވެ.

"އެއީ ކޮންމެ ސިޔާސީ ޕާޓީއަކުން އައި ކަމަށްވިޔަސް، އަޅުގަނޑުމެންގެ ކޯލިޝަން ރޫޅާލަން ޖެހުނު ކަމުގައިވިޔަސް، އެއްގޮތަކަށް ވެސް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.

ހިޝާނަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ މީހެއް ކަމަށްވީ ނަމަވެސް މިއަދު މުޅި ސޯޝަލް މީޑިއާގައި އަންނަނީ ހިޝާންއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އޭނާއާ މެދު ފިޔަވަޅު އެޅުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *