އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަދި މިހާރު އިދިކޮޅު ކޯލިޝަން ލީޑު ކުރައްވަމުން ގެންދަވާ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މަންމަ ނިޔާވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނީ ލ.ފޮނަދޫ ބަނަފްސާގޭ މަރިޔަމް އަހުމަދު ނިޔާވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އޭނާ އަކީ ޕީއެންސީގެ ކައުންސިލް މެންބަރު އަދި އަދުރޭގެ ދަރިކަލުން އިބްރާހީމް ފައިސަލްއާ ހަމަ އެޕާޓީގެ ކައުންސިލް މެންބަރު އަބްދުލް ހަސީބުގެ މާމަ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.
އިދިކޮޅު ކޯލިޝަން އިން ބުނީ އަދުރޭގެ އާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި ބައިވެރިވާ ކަމަށެވެ. އަދި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ އެންމެހާ އާއްމު މެންބަރުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ.