ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ކެރެލާއަށް ނުކުރުމަށް އިލްތިމާސްކޮށްފި

ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ އިންޑިއާގެ ކެރެލާއަށް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ކެރަލާ ސްޓޭޓުގައި ނޮވެލް ކޮރޯނާ ވައިރަހަށް ތިން މީހަކު ޕޮޒިޓިވްވުމާއެކު، އެ ސްޓޭޓުން “ސްޓޭޓް އޮފް ކެލެމިޓީ” އެއް އިއުލާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން “ސްޓޭޓް އޮފް ކެލެމިޓީ” ދެމި އޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކުރާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ވަގުތު އިންޑިއާގެ އެކި ސްޓޭޓުތަކުގައާއި ވަކިން ހާއްސަކޮށް ކެރަލާ ސްޓޭޓުގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން ފޮރިން މިނިސްޓްރީ ނުވަތަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން އެ ބައްޔާއި ގުޅޭގޮތުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށާއި އަމަލުކުރުމަށްވެސް އެދޭ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށީ އެންމެ ފުރަތަމަ ޗައިނާގެ ވޫހާން ސިޓީގައެވެ. އެ ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވެފައި ތިބި ހަތް ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ފަށާފައެވެ. އަދި ހަމައެއާއެކު އިންޑިއާ ސަރުކާރުގެ އެހީއާ އެކުގައި ޗައިނާގެ ވުހާން ސިޓީގައި ތިބި ހަތް ދިވެހިން ވަނީ އިންޑިއާގެ ދިއްލީއަށް ގެންގޮސްފައެވެ. އަދި އެ ހަތް ދިވެހިން ވަނީ ދިއްލީ ކައިރީގައި ކަރަންޓީނު ކޮށްފައެވެ. ދިވެހި ސަރުކާރުން ބުނީ އެ ހަތް މީހުން ރާއްޖެ ގެންނާނީ ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ފަހު ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.