އަދާލަތުގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އިސްލާހު ކުރަނީ

އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އަދި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް: ފޮޓޯ / ސަން

އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެން ކަނބަލުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ހުށަހަޅައިފިއެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެން ކަނބަލުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިވަގުތު އަދާލަތު ޕާޓީ ކުރިއަށް ގޮސްފައި މިންވަރަށް ބަލާ، ޕާޓީ ހުޅުވާލާ، ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ޝަރުތުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް އިސްލާހު ހުށަހެޅުއްވީ ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާއި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންގެ ހިޔާލާއި މަޝްވަރާތައް ހޯދުމަށް ފަހުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް އަންހެން ބޭފުޅަކަށް ކުރިމަތި ނުލެވޭ ގޮތަށް އޮތީ ކީއްވެގެންކަން ވެސް ސާފު ކޮށްދެއްވާފައެވެ.

އެގޮތުން އިމްރާން ވިދާޅުވީ ދީނުގައި ލާޒިމު ކުރާ ކަމަކަށް ނުވިޔަސް ޕާޓީ އުފެދުނު އިރު ޕާޓީގެ މެމްބަރުން ބޭނުންވީ އެގޮތް ކަމަށް އޭރުގެ ލީޑާޝިޕަށް ފެނުމުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.