ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް ބޭއްވުން ވަރަށް މުހިއްމު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން މިދިޔަ އަހަރު ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗު މަހު ބާއްވަން މީގެކުރިން ނިންމާފައިވީ ނަމަވެސް އެ އިންތިހާބު މާޗު މަހު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނިކޮށެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދު އިތުރު ކުރުމާއި ގުޅިގެންނެވެ. ޝަރީފް ވިދާޅުވީ މިހާރު އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ނުބޭއްވޭނެ ކަމަށެވެ. އަންނަ ބުދަ ދުވަހު ބާއްވާ އިލެކްޝަންސްގެ ބައްދަލުވުމުގައި މިކަމުގައި ކުރިޔަށް ދެވޭނެ ގޮތަކާއި މެދު މަޝްވަރާ ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު އަވަސް ކުރުން މުހިއްމު ކަމަށާއި ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަން ކުރަންޖެހޭ ކަމަށެވެ.
Local Council inthikhab veehaaves avahah beyvun varah muhinmu. Mikan kurumah qanoon ah badhal gennan jehey nama, ekanves kurun muhinmu kamuga alhugandu dheken
— Mohamed Nasheed (@MohamedNasheed) January 4, 2021
ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް އަހަރު ދުވަހުގެ ތެރޭގައި ބާއްވައި ނިންމަންޖެހޭ ގޮތަށް މަޖިލީހުން ވަނީ ހާއްސަ ބިލެއް ފާސްކޮށްފައެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި އިންތިހާބު ބާއްވަން ޖެހޭނީ އަންނަ އަހަރުގެ މެއި 10ގެ ކުރިންނެވެ.
“ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނު”ގައި ބުނެފައި ވަނީ ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބާއްވަން ޖެހޭނީ އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.
ސަރުކާރުން ބިލު މަޖިލީހަށް ހުށަހެޅިއިރު، އެ ބިލު ބުނެފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 6 ކުރިން އިންތިހާބު ބާއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުން އިސްލާހު ގެނެސްފައި ވަނީ އެ ބިލު އަމަލު ކުރަންފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ ގޮތަށެވެ.
އިލެކްޝަންސް ކޮމިޝަނުން ދިޔައީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ތައްޔާރީތައް ވަމުންނެވެ. އަދި އިންތިހާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު ދިޔައީ މަޝްވަރާތައް ކުރަމުންނެވެ. އެހެންނަމަވެސް ހެލްތު މިނިސްޓަރު ނަސީމް ސޮއިކުރައްވާ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދު ވަނީ އިތުރު ކުރައްވާފައެވެ.
އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. އަދި ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިހާ ބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެމްބަރުންނާއެކުގައި ކަމަށް ވެސް ޤާނޫނުގައިވެ އެވެ.