ބަލިވެއިނދެ ތިން މަސްވެފައިވާ ސޮފޫރާ ޒަރްގާރް ހައްޔަރުކުުރުމުން އެކަމާ ދެކޮޅަށް އިންޑިއާގައި މުޒާހަރާއެއް ނުކުރެ އެވެ. ނާޒުކު ހާލަތުގައިވާ މީހުން ހައްޔަރުކުރުމުން މީގެ ކުރިން އެގައުމުގައި ކުރާ ކަހަަލަ މުޒާހަރާއެއް ސޮފޫރާ ހައްޔަރުކުރުމުން ނުކުރީ ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ނަމުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ހެދިއެވެ. އިންޑިއާގައި ކޮވިޑް ހުއްޓުވަން އެޅި ފިޔަވަޅުތަކުގައި މީހުން ތިބީ ގޭބަންދެއްގަ އެވެ.
މިކަން މިގޮތަށް ހިނގަނީ ހަމަ އެކަނި އިންޑިއާއަކު ނޫނެވެ. ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ވަކާލާތުކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި އޭޝިއާގެ ގިނަ ގައުމުތަކެއްގައި ސަރުކާރުތަކުން ގެންދަނީ ކޮވިޑަކީ ނިވާފަތްގަނޑަކަށް ހަދައިގެން ތިބެ މީހުން ހައްޔަރުކޮށް، އެ ސަރުކާރުތަކުން ބޭނުންވާ ބަދަލުތައް ގާނޫނުތަކަށް ގެންނަމުންނެވެ. އެ ބަދަލުތަކަކީ މިނޫން ހާލަތެއްގައި ނަމަ އެކަންތައްތަކާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރާނެ ބަދަލުތަކެވެ.
“މީހުން ހަނގުރާމައިގެ ހާލަތަށް ގެންދިޔައީ ހަގީގަތުގައި ވައިރަސް. މީގެ ސަަބަބުން ސަރުކާރުތަކަށް ވަނީ ވައިރަހާ ހަނގުރާމަކުރުމުގެ ނަމުގައި ގާނޫނުތައް ހަދަން ފުރުސަތު ލިބިފައި،” ޖޯސެފް ބެނެޓިކްޓް ބީބީސީއަށް ބުންޏެވެ.
އޭނާއަކީ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބައިވެރިވާ އިއްތިހާދެއް ކަމަށްވާ ސިވިކަސް ހަަރަކާތްތެރިއެކެވެ.
“މީހުންގެ ބާރަށް ދޭ ހަމަލާ” ގެ ނަމުގައި ސިވިކަސް އިން އެެންމެ ފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ދަނީސަަރުކާރަށް ފާޑުކިޔާ މީހުން ހުއްޓުވައި، އެމީހުން ނެރޭ ރިޕޯޓްތައް ވެސް ސެންސަރުކުރަމުންނެވެ. ބަލިމަޑުކަމާ ކުރިމަތިލުމުގައި ސަރުކާރުތަކުން އަމަލުކުރާ ގޮތާއި ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓްތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ކޮވިޑްގެ ކޮންޓެކްޓުން ހޯދުމަށް ޓަަކައި ޝަހަރުތަކުގައި ގާއިމްކޮށްފައިވާ ސާވައިލެންސް ނިޒާމުތައް ބޭނުންކުރަމުން ދަނީ ސަރުކާރަށް ފާޑުކިޔާ މީހުން ފަސޭހައިން އަތުލައިގަނެ ހައްޔަރުކުރުމަށެވެ. ސާވައިލެންސްގެ އެ ނިޒާމުތައް ގާއިމްކޮށް ބޭނުންކުރަމުން ދަނީ ވައިރަހާ ދެކޮޅަށް ހަނގުރާމަކުރުމުގެ ނަމުގައި ކަމަށް ވާތީ އެކަންތައްތަކާ ދެކޮޅު ހެދޭކަށް ނޯވެއެވެ.
ސިވިކަސްގެ ރިޕޯޓްގައިވާ ގޮތުން އޭޝިއާ ޕެސިފިކް ސަރަހައްދުގެ 26 ގައުމެއްގައި، ކޮވިޑް ނިވާފަތްގަނޑަކަށް ހަދައިގެން ސަރުކާރުތަކުން ބޭނުންވާ ގާނޫނުތަކާއި ގަވައިދުތައް ވަނީ ހަދައިފައެވެ. އަދި 16 ގައުމެއްގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާމީހުން ހައްޔަރުކުރަމުން ދަނީ ވެސް ވައިރަސް ހުއްޓުވުުމުގެ ބަހަނާގައެވެެ.
މީގެ އެއް މިސާލަކީ ފިލިޕީންސެވެ. ބަލިމަޑުކަން ކޮންޓްރޯލްކުރަން އެޅި ލޮކްޑައުން ފިޔަވަޅުތަކުގެ ތެރޭގައި އެގައުުމުން 400 އަށް ވުރެ ގިނަ އެކްޓިވިސްޓުން ހައްްޔަރުކޮށް، ޓީވީ ސްޓޭޝަނެއް ވަނީ ބަންދުކޮށްފައެވެ. އެއާ އެކު ހައްޔަރުކުރެވުނު މީހުންނާއި ބެހޭގޮތުން ސަރުކާރުން ދަނީ އާއްމުންނަށް ދޮގު މައުލޫމާތުތައް ދެމުންނެވެ.
ނޭޕާލްގެ ނިވާރު އިންޑެޖިނިއަސް ގްރޫޕްގެ އެކްޓިވިސްޓެއް ކަމަށްވާ ބިޑްޔާ ސްރޭޝްތާ ބުނާ ގޮތުގައި ބަލިމަޑުކަން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން ސަރުކާރުން ވަނީ ނިވާރު ނަސްލުގެ މީހުންނާ ދެކޮޅަށް ގިނަ ކަންތައްތަކެއް ކޮށްފަަ އެވެ. އެގޮތުން ކަތުމަަންޑޫ ވާދީގައި މަގެއް ހެދުމުގެ ނަމުގައި އެ ނަސްލުގެ މީހުންގެ 46 ގެއެއް ސަރުކާރުން ވަނީ ތަޅާލައިފަ އެވެ.
ސިވިކަސްގެ ރިޕޯޓްގައިވާ ގޮތުގައި ތައިލެންޑް، ކެމްބޯޑިއާ އަދި އަވަށްޓެރި ސްރީލަންކާގައި ވެސް ބަލިމަޑުކަން އައްޑަނައަކަށް ހަދައިގެން ސަރުކާރުން ގެންދަނީ ފާޑުކިއުންތައް ހުއްޓުވައި، އެކްޓިވިސްޓުންނާ ދެކޮޅަށް ފިޔަވަޅުތައް އަަޅަމުންނެވެ.