‎ޗައިނާގެ ރައްޔިތުންނަށް 1 މިިލިއަން މަސް ދަޅު ދިނުމަށް ނިންމައިފި

މިހާރު ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖެއިން އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއް މިލިއަން މަސްދަޅު ހަދިޔާކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ މަސްދަޅުތައް ހަވާލުކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޗައިނާގެ ފަރާތުން މަސްދަޅާ ހަވާލުވެފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ޗައިނާއަށް މަސްދަޅު ހަދިޔާކުރެއްވުމަށް ނިންމަވާފައި ކަމަށެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޗައިނާގެ ރައްޔިތުންނާއެކުގައި ކަމަށެވެ.

ޗައިނާ އަކީ ރާއްޖެއަށް ތަފާތު އެކި ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ރާއްޖެއިން ވެސް އަންނަނީ ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޗައިނާއިން އަންނަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *