ޕާޓީ ކްލަސްޓާ: ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް އަރައިފި

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފްރަންޓުލައިން ވޯކާއެއް ހުއްޓިލައިގެން: ފޮޓޯ / ހަތާވީސް

ދާދިފަހުން ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ހަފްލާއަކަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކައިވެނި ޕާޓީ އަށް ދިޔަ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވާ އިތުރު 6 މީހަކު ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ބައްޔަށް ޕާޓީ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ކްލަސްޓާ އިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ. ކައިވެނި ޕާޓީގެ ކްލަސްޓާ އާއި ގުޅިގެން 229 ފަރާތެއް ކޮންޓެކްޓުންގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

މި ޕާޓީ އަށް ގާތްގަނޑަކަށް 120 އެއްހާ މީހުން ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

އެޗްޕީއޭ އިން ވަނީ ޕާޓީތައް ބޭއްވުމުގެ ހުއްދަ ދާދި ފަހުން ދީފައެވެ. އެހެންނަމަވެސް ޕާޓީތައް ވެސް ބޭއްވޭނީ އެ އެޖެންސީ އިން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ މަތިންނެވެ. އެގޮތުން ޕާޓީ އަށްދާ މީހުން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓޭނެ މިންވަރަށް ބަލައިގެން ދައުވަތު ދިނުން ފަދަ ކަންކަން ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.