ފުވައްމުލަކު ފަރިކެޑި ސަރަހައްދު ހިމާޔަތް ކުރަން ނިންމައިފި

ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެންވަޔަރަމަންޓު މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ނިންމީ ފުވައްމުލަކު ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް ފުވައްމުލަކު ފަރިކެޑަ ސަރަހައްދު ވަކި މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ގޮތަށް ހިމާޔަތްކުރުމަށެވެ.

ޏ. ފުވައްމުލަކުގައިވާ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. އެގޮތުން އެ ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑިއާ މިޔަރާއި ފާނަ މިޔަރާއި އެންމަޑި، އަދި ފެހުރިހި ހިމެނެއެވެ. އެ ދިރުންތަކަކީ ބައިނަލްއަގުވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން އެފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ އެސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހ،ހދ،ށ އަދި ނ އަތޮޅުގެ) 11 ސަރަހައްދެއް ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން 15 ޖޫން 2019ގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓުކޮށްފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.