އެންމެ އިސްކަމެއް ދޭންވީ ރާއްޖެއިން ބޭރުން ކޮރޯނާ ވައިރަސް އަޔަނުދިނުން: ރައީސް

މި ދުވަސްވަރަކީ ރާއްޖެއިން ބޭރުން ވަރަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުންދާ ދުވަސްވަރެއް ކަމަށާއި އެހެންކަމުން އެންމެ ބޮޑު އިސްކަމެއް ދޭންވީ ރާއްޖެއިން ބޭރުން ކޮރޯނާ ވައިރަސް ޖެހިފައިވާ އެއްވެސް މީހަކު ރާއްޖެ އެތެރެވިޔަ ނުދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ހަބަރު ސަރުކާރަށް ލިބިވަޑައިގަތުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިދުވަސްވަރަކީ ވަރަށްގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެއް ކަމަށްވުމާއެކު، އެންމެ ހާއްސަ އިސްކަމެއް ދެއްވަނީ، ރާއްޖެއަށް ކޮރޯނާ ވައިރަސް، ބޭރުން އައުމުގެ ފުރުސަތު ކުޑަކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަޅަމުންދާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި، އެބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެބަލި މުޅި ދުނިޔެއިން ކޮންޓްރޯލް ކުރެވެންދެން، ރާއްޖޭގައި އެޅެންހުރި ފިޔަވަޅުތައް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކީގައި އަޅުއްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް، ރާއްޖެއާ އަވަށްޓެރި ބައެއް ހިސާބުތަކުގައި ފެތުރެމުންދިޔުމާއެކު، މިހާރުން މިހާރަށް އެޅެންހުރި އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރައްވައި، އެޅެންހުރި ފިޔަވަޅުތައް، ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި މި ބައްޔާބެހޭ އެންމެފަހުގެ މައުލޫމާތުތައް ރައްޔިތުންނަށް ދެއްވުމަށް ހަބަރުފަތުރާ ވަސީލަތްތަކާ ގަވާއިދުން ބައްދަލުކުރައްވައި، ކަމާބެހޭ މަޢުލޫމާތުތައް ހިއްސާ ކޮށްދެއްވުމަށް، ކަމާބެހޭ ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

އެކަމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި، އެ ވުޒާރާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ލިބެމުންދާ ކަމުގައި ވިދާޅުވެ، އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އިސްބޭފުޅުންނާއި، ރިޒޯޓުތަކާއި ގެސްޓްހައުސްތަކުންނާއި، ކަމާގުޅޭ އަމިއްލަ އެހެން އިދާރާތަކުން މިކަމަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތު ފާހަގަކުރައްވައި އެބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.