މިއަހަރުވެސް އެންމެ އިސްކަމެއް ދޭނީ ރައީސް ޔާމީން ޖަލުން މިނިވަންކުރަން: އިދިކޮޅު

ކުރީގެ ރައީސް ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

ނިމިދިޔަ 2020ވަނަ އަހަރެކޭ ވެސް އެއްގޮތަށް މިއަހަރުވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން އެންމެ އިސްކަން ދޭނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ކަމަށް އެ ކޯލިޝަން އިން ބުނެފިއެވެ.

މީލާދީ އައު އަހަރު ފުރުމުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނިމިގެންދިޔަ 2020ވަނަ އަހަރަކީ ވަރަށް އަނިޔާވެރިކަމާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިޔާސީ ހުކުމެއްކޮށް ޖަލުގައި ބަންދުކޮށްފައިވާ ރައީސް ޔާމީން ހުރެގެއިން މިނިވަން ކުރުމަށް އެ ކޯލިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ހަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަކަން އެކޯލިޝަން އިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތައް ރަށްރަށުގައި އުފެދި، ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އިރާދަކުރެއްވިއްޔާ މި ފެށުން 2021ވަނަ އަހަރުވެސް އެންމެ އިސްކަން ދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށެވެ. އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަޒުމެކެވެ،” ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވަނީ 2020 ވަނަ އަހަރު ވެގެންދިޔައީ ދުނިޔެއަށާއި މުޅި ދިވެހިރާއްޖެއަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން
ކުރިމަތިކުރުވި އަހަރަކަށް ކަމަށެވެ. ކޮވިޑް19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސޯދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް ކުރިމަތިވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
“މި ހިތްދަތިކަމާއި ނިކަމެތިކަން ރައްޔިތުންނަށް އިތުރުވެގެން ދިޔައީ މި ސަރުކާރުގެ ނާގާބިލުކަމާއި، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނެވެ. އަދި މުޅި ނިޒާމް ކޮރަޕްޝަންގެ ހާއްޔަކަށްވެ، ރައްޔިތުން ފުރަބަންދުގައި ބައިތިއްބައިގެން ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށް، އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގުމުގެ ސަބަބުންނެވެ. އެހެންކަޅުދޫ ދިވެހި އެތަކެއް ޒުވާނުންގެ ވަޒީފާގެއްލި ނިކަމެތިން އިތުރަށް ނިކަމެތިވެ. އެތައް ބައެއްގެ ގެދޮރު ގެއްލި ދިރިއުޅުމުގެ ހާލަތު މިވަނީ ދަށަށްގޮސްފައެވެ،” ބަޔާނުގައިވެއެވެ.
އެހެންކަމުން، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި، ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.