އަހަރު ނިމުނުއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 554،800 އަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް --

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އަށް 554،800 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި އައި އެންމެ ކަޅު ދުވަސްތައް ކުރިމަތިވި އަހަރެވެ. ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން ރާއްޖެ އައުން މަނާކުރިއެވެ. އެއީ މާޗު މަހުގެ ތެރޭގައެވެ.

އަލުން ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރު ނިމުނުއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ ރަޝިޔާ އިންނެވެ. އެއީ 32،000 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ކޮވިޑް19 އަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލުމުން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާ އަދި ޖަރުމަންވިލާތު ހިމެނެއެވެ.

އައު އަހަރާއި ދިމާކޮށް ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަބަދުވެސް ޒިޔާރަތް ކުރެއެވެ. ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމަށް ހީނަރުކަން އައި ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ އަމާޒަށް މިދިޔަ އަހަރު ވެސް ވަނީ ވާސިލުވެފައެވެ. އެ މިނިސްޓްރީގެ އަމާޒަކީ މަދުވެގެން ބައި މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.