ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރިއުޅުމުގެ ހާލަތު ވަޒަންކުރަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑެއް ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހަށް މި ހުށަހެޅުން ހުށަހެޅީ ޕްލޭނިން މިނިސްޓްރީންނެވެ. އެ ހުށަހެޅުމަށް ވާހަކަދައްކަވަމުން ވަޒީރުން ވަނީ ރާއްޖޭގައި ފަގީރުކަން މިނެކިރަން މިހާރު ބޭނުންކުރާ، އާމްދަނީގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މިންގަނޑުގެ އިތުރުން ދިރިއުޅުމުގެ ހާލަތު ވަޒަންކުރާނެ މިންގަނޑެއް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގައި ހުރި ފަރަގުތައް ނައްތާލުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ވަޒަންކުރުމުގައި ބޭނުންކުރެވޭ މުހިންމު ޕޮލިސީ ޓޫލްއަކަށް މި އާ މިންގަނޑު ހެދުމަށް ނިންމަވާފައެވެ.

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑަކީ ތަފާތު އެކި ނަޒަރުން (ސިއްހީ ތައުލީމީ، ދިރިއުޅުމުގެ ފެންވަރު ފަދަ) ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރެއްގައި ބޭނުންކުރެވެމުންދާ މިންގަނޑެކެވެ. މިއީ މިހާރުވެސް 100 އަށް ވުރެ ގިނަ ގައުމުން ބޭނުންކުރަމުންދާ މިންގަޑެކެވެ. އަސާސީ ހިދުމަތްތަކުން މަހުރޫމްވުމަކީ ފަގީރުކަމަށް މީހުން ހުށަހެޅޭ ކަމެއްގެގޮތުގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑުގައި ބެލެވިފައިވެއެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އަސާސީ ހިދުމަތްތައް ލިބުމުގައި ރައްޔިތުންގެ މެދުގައި ހުރި ފަރަގު ދެނެގަނެ، މި ތަފާތުތައް ކުޑަކުރުމާއެކު ހަމަހަމަކަން ގާއިމްކުރުމަށްޓަކައި އިސްކަންދޭންޖެހޭ ދާއިރާތަކާއި ސަރަހައްދުތައް ފާހަގަކޮށް ހަމަހަމަކަން ފަހިކޮށްދިނުމުގައި ރިއާޔަތްކުރާ އިންޑިކޭޓަރެއްގެ ގޮތުގައި ވެސް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު ބޭނުންކުރުމަށް ވަނީ ނިންމަވާފައެވެ.

މި އިންޑެކްސް އެކުލަވައިލައްވާފައިވަނީ ޕްލޭނިން މިނިސްޓްރީން ކުރި ފަންނީ މަސައްކަތްތަކަށްފަހުގައެވެ. ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވާލެއްވުމަށް ކަނޑައަޅާފައިވާ މެތޮޑޮލޮޖީއަށް ބަލާއިރު، އެ އިންޑެކްސް އެކުލަވާލުމުގައި ބޭނުންކުރާ ހުރިހާ ޑޭޓާއަކީ އެއް ސާވޭއަކުން އެއްކުރެވިފައިވާ ޑޭޓާއަށް ވާންޖެހެއެވެ. އެހެންކަމުން، ޓެކްނިކަލް ފެންވަރުގައި ކުރި ދިރާސާތަކުން މިކަމަށް އެންމެ އެކަށީގެންވަނީ ޑިމޮގްރަފިކް ހެލްތް ސާވޭ (ޑީ.އެޗް.އެސް) ގައި ހިމަނާފައިވާ ޑޭޓާއެވެ.

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު ގިނަ ގައުމުތަކުން ބޭނުންކުރަމުން ގެންދަނީ އެގައުމެއްގެ ހާލަތު ރަނގަޅަށް ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރެއްގައި އެކުލަވައިލައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައިވެސް ބޭނުންކުރަމުންނެވެ. ދިވެހިރާއްޖޭގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވައިލައިފައިވަނީ، އޮކްސްފޯޑް ހިއުމަން ޑިވެލޮޕްމަންޓް އިނީޝިއޭޓިވްއާއި ގުޅިގެން ޔުނިސެފް ރީޖަނަލް އޮފީސް ސައުތު އޭޝިއާ އާއި ޔުނިސެފް މޯލްޑިވްސްގެ އެހީއާއި އެކު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެން.ބީ.އެސް) އިން ކޮށްފައިވާ މަސައްކަތުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *