މާލެ އަށް މިއަދު ހެނދުނު ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑު ކޮށްލައިފިއެވެ.
މިއަދު މާލެ އަށް ވާރޭ ވެހެން ފެށީ ހެނދުނު 6:30 އެހާއިރުއެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހެން ފެށީ 7:00 އެހާކަށްހާއިރުއެވެ. އެހާއިރު ވެހެން ފެށި ވާރޭ 7:45 ވެގެން ދިޔައިރުވެސް ދިޔައީ ބޯކޮށް ވެހެމުންނެވެ.
ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭގައި މާލެ އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުކޮށްލައިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ވަނީ ވައިޓް އެލާޓު ނެރެފައެވެ. އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ވެސް ވަނީ ވައިޓް އެލާޓު ނެރެފައެވެ.
ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް އެލާޓު ނެރެފައިވާއިރު އެލާޓު ނެރެފައި ވަނީ ހެނދުނު 7:30 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށެވެ. އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ. އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމަ އަށް އެލާޓު ނެރެފައިވާއިރު އެ ސަރަހައްދުގެ ރަށްތަކަށް ވެސް އެލާޓު ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ. އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.