ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

އަޑުއެހުން އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިފައެވެ. އަދި ރައީސް ޔާމީންގެ ސިއްހީ ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް ވެސް އެމަނިކުފާނުގެ ފަރާތުން ވަނީ އެދިފައެވެ.

ތަހުގީގަށް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން ރާއްޖެއިން ބޭރަށް ނުދެވުނީ ކޯޓުން ހުއްދަ ދިން ނަމަވެސް އެމަނިކުފާނު ފިއްލެވީ ކަމަށް ބައެއް އާންމުން ގަބޫލުކޮށްފާނެތީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި އިސް ގާޒީ ހުސައިން މަޒީދު ވަނީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅޭ ލިޔުންތައް ކޯޓަށް ހުށަހަޅާފައިވޭތޯ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އަރިހުން އައްސަވާފައެވެ. އަދި ދައުލަތަށް އެއިން އެއްވެސް ލިޔުމެއް ލިބިފައިވޭތޯވެސް އެއްސެވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ފަހު، އެމަނިކުފާނުގެ ސިއްހީ ހާލަތާއި ގުޅޭ އެއްވެސް ލިޔުމެއް ދަޢުލަތަށް ލިބިފައިނުވާ ކަމަށާއި، އެހެންކަމުން، ފަރުވާގެ ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށް، ގަބޫލުކުރައްވާ ކަމަށެވެ.

އަޑުއެހުން ނިންމާލާފައިވަނީ، ރައީސް ޔާމީންގެ ބަލިހާލަތާއި ގުޅޭގޮތުން، ހުށަހަޅުއްވަން ބޭނުންވާ ހުރިހާ ލިޔުމެއްވެސް، ތިން ދުވަހުގެ ތެރޭގައި ހުށަހަޅެމުގެ ފުރުސަތު ރައީސް ޔާމީނަށް ދެއްވުމަށް ފަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *