މާލެ-ގުޅީފަޅު ބްރިޖާއި މެދު ، މިނިސްޓަރު ފައްޔާޒާއި ސައީދު އަރާރުމެއްގައި!

މާލެ ގުޅީފަޅު ބްރިޖު މައްސަލާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ ދެބޭފުޅުންގެ މެދުގައި ދެބަސްވުންތަކެއް ހިނގައިފިއެވެ.

މާލެ ގުޅީފަޅު ބްރިޖުގެ ޑިޒައިން މަސައްކަތް ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައި ވާތީ އެކަމަށް ފާޑު ވިދާޅުވެ ސައީދު ކުރެއްވި ޓްވީޓެއްގައި އިއްޔެ ވިދާޅުވީ މާލެއާ ގުޅީފަޅު ގުޅާލަދޭ ބްރިޖުގެ މަސައްކަތަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހުރިހާ މަސައްކަތެއްވެސް ނިންމާ، އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.

ސައީދު ވިދާޅުވީ ގްރޭޓާ މާލެ ތިލަފުއްޓާ ހަމައަށް ގުޅާލުމަކީ ރައީސް ޔާމީންގެ ތަސައްވުރެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ޑިޒައިންއާ އިންޖިނިއަރިންއާ އެ މަޝްރޫއު އަށް ހިނގާނެ ހަރަދާއި ފައިނޭންސް ހޯދާނެ ގޮތްތަކުގެ އިތުރުން ދަރަނި ދެކޮޅު ޖައްސާނެ ގޮތްވެސް ރައީސް ޔާމީންގެ ސަރުކާރުގައި ނިންމަވާފައިވާ ކަމަށް ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވާ މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ސައީދުގެ އެ ޓްވީޓަށް ރައްދު ދެއްވާފައެވެ. މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަޅާފައިވާ ސިނަމާލެ ބްރިޖަކީވެސް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތަސައްވަރެއް ކަމަށެވެ. އަދި އެ މަސައްކަތް ފެށިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ މާލެ ގުޅީފަޅު ގުޅާލާ ބްރިޖަކީވެސް ސީދާ ރައީސް ނަޝީދުގެ ތަސައްވަރެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވާ ދެއްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ގުޅިފަޅުގައި ބައިނަލްއަގުވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓާ ޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ އަމަލީ މަސައްކަތް، މިއަހަރު ފެށޭނެ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް ހާމައެއް ނުކުރައްވައެވެ.

މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް ސޯލިހު ހާމައެއް ނުކުރައްވައެވެ. މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި ސަރުކާރުން، އަމަލީ މަސައްކަތް ފަށައިގަންނާނީ، ބްރިޖް އެޅުމަށް ރާވަން ޖެހޭ އެންމެހާ ކަންކަން ރާވާ ނިންމުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ-ތިލަފުށި ބުރިޖުގެ މަޝްރޫއުގެ އިތުރުން މިހާރު ކުރިއަށްދާ ގުޅިފަޅުގައި ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ އޭޕްރިލްގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން މަސައްކަތް ކުރަމުންދާއިރު، އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.

މިއަހަރަށް ފާސްކުރި ބަޖެޓްގައިވާ ގޮތުގައި މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ އެ ބުރިޖަށް އަބޫދާބީ ފަންޑުން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު އެ އަދަދު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫއަށް ޖުމްލަ 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.